ރައްޔިތުންގެ ވިންދު ދެނެގަނެ ބްރިޖާއި ބޯހިޔާވަހިކަން ފަދަ އިންޤިލާބީ ތަރައްޤީ ގެނެސްދިނީ ޕީޕީއެމުންކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވީ ޕީޕީއެމަށް 10 އަހަރު ފުރުމުގެ މުނާސަބާގައި ރައްޔިތުންނާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓުގައެވެ.

ޑރ. ޖަމީލް ވިދާޅުވީ ޕާޓީގެ ކާމިޔާބީގެ ސިއްރަކީ އެހެން އެއްވެސް ޕާޓީއެއްގައި ނެތްފަދަ ޢިލްމީ، ކުޅަދާނަ ލީޑަރ ރައީސް ޔާމީން އަދި ހިތްވަރުގަދަ މެމްބަރުން ކަމަށެވެ.

ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ޕީޕީއެމުން ހޯދަމުން ދިޔަ ކާމިޔާބީތަކަށް ހުރަސް އެޅުމަށް ކުރިމަތި ކުރަމުންދާ ހުރަސްތަކާއި އެކުވެސް ރައީސް ޔާމީނަށާއި، ޕީޕީއެމަށް އޮތް ތާއީދު ބޮޑު ވެފައިވާކަމަށް ޕީޕީއެމުން އަހަރީ ދުވަހާއި ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމްގެ އަހަރީ ދުވަހާ ގުޅިގެން މިރޭ ދިދަ ނެގުމުގެ ޚާއްސަ ރައްމިޔާތެއްވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ޕީޕީއެމަށް 10 އަހަރު ފުރުން މިއަދު ފާހަގަކުރާ އިރު އެޕާޓިއަކީ ރާއްޖެއަށް ގިނަ ގޮތްގޮތުން ތަރައްޤީ ގެނެސްދިން އެއް ޕާޓީ ކަމަށް ރައީސް ޔާމީނަށް ތާއީދުކުރާ ބައެއް މީހުން ދަނީ ބުނަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ 5 އަހަރު ރާއްޖޭގެ ތަރައްގީއަށް ގިނަ ގުނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

އެގޮތުން ހުޅުމާލެއާއި މާލެ ގުޅާލާ ބްރިޖާއި، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލެ ފޭސް 2 ގެ ހިޔާގެ ބިޔަ މަޝްރޫއެއް ފާހަގަކޮށްލަންޖެހެއެވެ.