އަރަމުން އަންނަ ބަތަލާ ރަކުލް ޕްރީތްއާއި އެކްޓަރު/ޕްރޮޑިއުސަރު ޖެކީ ބަގްނާނީއާއި ދެމީހުންނަކީ ލޯބިވެރިންކަމަށް މީޑިއާގައި އެކިފަހަރުމަތިން ބުނަމުންއައި ނަމަވެސް ދެފަރާތުންވެސް މިހާތަނަށް މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ރަކުލްއާއި ޖެކީގެ ގުޅުން މީޑިއާގެ ސަމާލުކަމަށް ދާދިފަހުންއައީ ރަކުލްގެ 31 ވަނަ އުފަންދުވަހާއި ގުޅުވައިގެން ދެމީހުން އެކަކު އަނެކަކަށް އިންސްޓަރގްރާމްގައި ހިއްސާކުރި ޝުއޫރުތަކާ ގުޅިގެންނެވެ.

ދެމީހުން އެކީގައި ފެންނަ ފޮޓޯ ޕޯސްޓްކުރުމަށްފަހު ރަކުލް ބުނެފައިވަނީ، ޖެކީއާއެކު އޭނާގެ ހަޔާތަށް އުފާވެރިކަން އައިސްފައިވާ ކަމަށައި ޖެކީއަކީ މިއަހަރު އޭނާއަށް ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށެވެ.

މިޕޯސްޓާއެކު ޖެކީ އޭނާގެ އިންސްޓަގްރާމް ޕޯސްޓްގައި ބުނެފައިވަނީ، ރަކުލްއާއި ނުލައި މިހާރު އެންމެ ދުވަހެއްވެސް ފުރިހަމަ ނުވާކަމަށެވެ. ރަކުލް އޭނާގެ ހަޔާތަށް ގެނެސްދީފައިވާ އުފާވެރިކަމަށް މި ޕޯސްޓްގައި ޖެކީވަނީ ޝުކުރު އަދާކޮށްފައެވެ.

ރަކުލްއާއި ޖެކީގެ ލޯބީގެ ގުޅުން ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ދެމީހުންގެ ފޭނުންނަށްވެސް ވަރަށްބޮޑު އުފަލެއް ލިބިގެން ގޮސްފައިވެއެވެ.

ރަކުލްއަކީ ބޮލީވުޑްގައި ހިމެނޭ މަދަ ބަތަލާއިންގެތެރެއިން އެހެން ކޯއެކްޓަރުންނާ އަޅާކިޔާފައިނުވާ ބަތަލާއެކެވެ.

ދާދިފަހުން އިންޑިއާގެ މުމްބާއީގައި ބޭއްވި ފެޝަން ޝޯވްއެއްގެ ތެރޭގައި މީޑިއާއިން ރަކުލްއާއި ސުވާލުކުރުމުން އޭނާ ބުނެފައިވަނީ، އިންސްޓަގްރާމް ޕޯސްޓަކީ ދެމީހުންގެ ލޯބި އިއުލާނުކުރި ޕޯސްޓެއް ނޫންކަމަށެވެ. އެހެންނަމަވެސް އެއީ ނުސީދާކޮށް ރަކުލްގެ ފޭނުންނަށް ދީފައިވާ އުފަންދުވަހުގެ ހަދިޔާއެއް ކަމަށްވެސް މީޑިއާގައިވަނީ ބުނެފައެވެ.

ރަކުލްގެ ފިލްމީ ކެރިއަރަށް ބަލާއިރު އޭނާއަކީ، މިވަގުތު ބޮލީވުޑްގައި ހިމެނޭ ޑިމާންޑްބޮޑު ބަތަލާއިންގެތެރެއިން ގުނާލެވޭ ބަތަލާއެކެވެ.

އިންޑިއާގެ ދެކުނުގެ ފިލްމުތަކުންވެސް ފެންނަ ރަކުލް އެންމެފަހުން ފެނިފައިވަނީ މިއަހަރު ނެޓްފްލިކްސްއިން ޕްރިމިއަކުރި ފިލްމު "ސަރްދާރްކާ ގްރޭންޑްސަން" އިންނެވެ.

އޭނާގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކަށް ބަލާއިރު އެކި މަރުހަލާތަކުގައިވާ 8 ފިލްމެއް ބަތަލަ ރަކުލްގެ އަތުގައި އެބައޮތެވެ. އޭގެތެރޭގައި އެކްޓަރު އަޖޭ ދޭވްގަން އަދި އަމީތާބް ބައްޗަންއާއެކު ކުޅޭ ފިލްމު "މޭޑޭ" ހިމެނެއެވެ.