ކްރީމް ކްރޭކަރު ބިސްކޯދުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާ "ކުޑަކަމަށް" މެލޭޝިޔާ ސަރުކާރުން ބުނެފިއެވެ.

މެލޭޝިޔާ ސަރުކާރުން މިހެން ބުނެފައި މިވަނީ، އެގައުމުގައި އުފައްދާ "ހަޕް ސެންގް" ކްރީމް ކްރޭކަރު ބިސްކޯދުގައި ކެންސަރަށް މަގުފަހިވާ މާއްދާތައް ނުވަތަ ކާސިނޮޖެންސް އެކުލެވޭ ކަމަށް ހޮންގްކޮންގ ކޮންސިއުމަރ ކައުންސިލުން ހާމަކުރުމާ ގުޅިގެންނެވެ.

އިންޓަރނޭޝަނަލް އޭޖެންސީ ފޮރ ރިސާޗް އޮން ކެންސަރއިން ބުނާގޮތުގައި، ކާސިނޮޖެންސްގެ މާއްދާތައް ކަމަށްވާ އެކްރިލަމައިޑް އަދި ގްލެސިޑޮލްއަކީ ކެންސަރު ޖެހުމުގެ ރިސްކް އޮންނަ ކާސިނޮޖެނިކް މާއްދާތައް ކަމަށެވެ.

ހޮންގްކޮންގ ކޮންސިއުމަރ ކައުންސިލުން ވަނީ 60 ވައްތަރެއްގެ ބަންދުކުރި ބިސްކޯދާއި، ކްރީމް ކްރޭކަރު ބިސްކޯދުގެ ސާމްޕަލް ދިރާސާކޮށްފައެވެ.

ދިރާސާކުރި ހުރިހާ ސާމްޕަލްއަކުންވެސް ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާތައް ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި މެލޭޝިޔާގައި އުފައްދާ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ "ހަޕް ސެންގް" އަދި "ޖެކޮބްސް އެންޑް ޖޫލީސް" ބްރޭންޑްގެ ބިސްކޯދުވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން، ދުނިޔޭގައި ނަން މަޝްހޫރު ބިސްކޯދު ބްރޭންޑްތައް ކަމަށްވާ "ރިޒް" އަދި "އޯރިއޯ" އިންވެސް ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާތައް ފެނިފައިވާ ކަމަށް ހޮންގްކޮންގ ކޮންސިއުމަރ ކައުންސިލުން ހާމަކޮށްފައި ވެއެވެ.

ކާސިނޮޖެނިކް މާއްދާތައް އެންމެ ގިނައިން ހުރި ކަމަށް ދިރާސާއިން ދެއްކި ބިސްކޯދުގެ ތެރޭގައި ހިމެނެނީ، "ފޫ ޝަންގް ޕިން ޗީޒް ސޮޑާ ކްރެކަރ"، "ހަޕް ސެންގް ސްޕެޝަލް ކްރީމް ކްރޭކަރސް"، "ފޯރ ސީސް ބިސްކަޓް ސްޓިކް (ފެމިލީ ޕެކް)"، "ރިޒް ކްރެކަރސް ޗީޒް ފްލެވަރޑް ސޭންޑްވިޗް"، "ޖެކޮބްސް އޮރިޖިނަލް ކްރީމް ކްރެކަރސް"، އަދި "އޯރިއޯ މިނީ އޯރިއޯ އޮރިޖިނަލް" އެވެ.

މެލޭޝިޔާ ސަރުކާރުގެ ހެލްތު ޑިރެކްޓަރ ޖެނެރަލް ޑރ. ނޫރު ހިޝާމް ވިދާޅުވީ، މެލޭޝިޔާގައި އުފައްދާ ބިސްކޯދުގައި ކާސިނޮޖެނިކް މާއްދާތައް އެކުލެވުނު ނަމަވެސް، އޭގެން ސިއްހަތަށް އޮތް ނުރައްކާ "ކުޑަ" ކަމަށެވެ.

ޑރ. ނޫރު ހިޝާމް ވިދާޅުވީ، އެކްރިލަމައިޑް އަކީ، ކާބޯތަކެތި އުފައްދާއިރު ނުވަތަ ޕްރޮސެސްކުރާ މަރްހަލާގައި ބޭނުންކުރާ މާއްދާއެއް ކަމަށެވެ.

ބިސްކޯދު އުފެއްދުމުގައި މެލޭޝިޔާގެ ކުންފުނިތަކުން 2015 ވަނަ އަހަރުން ފެށިގެން އެކްރިލަމައިޑް ބޭނުންކުރަމުންދަނީ ޔޫރަޕިއަން ކޮމިޝަން ރެގިއުލޭޝަންގައި ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑަށް ބަލައިގެން ކަމަށް ޑރ. ހިޝާމް ވިދާޅުވިއެވެ. އެކަން ކުރަނީ ބެލެހެއްޓިގެން ކަމަށްވެސް ވިދާޅުވިއެވެ.

ކާބޯތަކެތީގެ ޒަރީއާއިން އާންމުންގެ ސިއްހަތަށް ކުރިމަތިވެދާނެ ސިއްހީ ނުރައްކަލަކީ، މެލޭޝިޔާ ސަރުކާރުގެ ހެލްތު މިނިސްޓްރީން އަބަދުވެސް ކަންބޮޑުވާ ނާޒުކު މައްސަލައެއް ކަމަށް ޑރ. ހިޝާމް ވިދާޅުވިއެވެ.

އެހެންކަމުން، ހޮންގްކޮންގ ކޮންސިއުމަރ ކައުންސިލުގެ ރިޕޯޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.