ހަތަރު އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެކުއްޖާގެ ބޮޑުބޭބެ 20 އަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލާގައި ދައުލަތުން ހުކުމްކޮށްފައިވަނީ، މާލެ ދަފްތަރު ނަމްބަރު ދރ 1816 ހަސަން ރަޝީދުގެ މައްޗަށެވެ.

އާއިލާގެ މެމްބަރަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އޭނާގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުއެވެ. އެއަށްފަހު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ ހެކި، އެ މާއްދާގައި ބަޔާންކޮށްފައިވާ މިންވަރަށް ލިބިފައިނުވާކަމަށް ބުނެ، ހަސަން ރަޝީދުގެ މައްޗަށް މައްސަލަ ނުވާ ކަމަށް 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ކްރިމިނަލް ހުކުމް ކޮށްފައިވެއެވެ.

ވޭތުވެ ދިޔަ އަހަރުގެ ޖޫން މަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން، ކްރިމިނަލް ކޯޓުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވެއެވެ. އެގޮތުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ނިންމާފައިވަނީ އެ މައްސަލާގައި ކުޑަ ކުއްޖާ ކިޔައިދިން ކިޔައިދިނުމާ ހުށަހެޅުނު އެހެނިހެން ހެކިތަކާ ގުޅުން ހުރި ކަމަށާއި، ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ބަލާއިރު ކުއްޖާގެ ބަހަކީ ތެދުކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

މައްސަލަ ބެއްލެވި ގާޒީންގެ ބެންޗުންވަނީ، މި މައްސަލައިގެ ހުށަހެޅިފައިވާ ހެކިތަކަށް ބަލައި، އެ ހެކިތައް ވަޒަންކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށް، ހަސަން ރަޝީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، އާއިލާގެ މެމްބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރާ ގާނޫނުގެ ދަށުން 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން އޭނާ ބަންދުގައި ހޭދަކޯށްފައިވާ 4 އަހަރާއި 2 މަހާއި 4 ދުވަސް އުނިކޮށް، 15 އަހަރާއި 9 މަހާއި 26 ދުވަސް ހުކުމް ތަންފީޒުކުރަން ޖެހޭ މުއްދަތުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. މިގޮތަށް ކަނޑައަޅާފައިވަނީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު ޝުއައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.