ކުރީގެ ޖެންޑަރ މިނިސްޓަރ އައިޝަތު ޒެނީޝާ ޝަހީދު ޒަކީއަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމަޢުއަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ކުރީގެ ޖެންޑާ މިނިސްޓަރު އައިޝަތު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެޗްއާރުސީއެމުން ބުނެފައިވަނީ ކުޑަކުދިންގެ ހިޔާއާއި ގުޅުންހުރި މައްސަލަތަކެއް ތަހުގީގުކޮށް އެމައްސަލާގައި ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށާއި މިމައްސަލާގައި ފޮނުވާފައިވާ ލިޔެކިޔުންތަކާ ގުޅިގެން ޕީޖީ އޮފީހާ މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

ނަމަވެސް މިމައްސަލާގައި ދައުވާކުރަން ފޮނުވި މީހުންގެ ނަމެއްވެސް އަދި އަދި މައްސަލައިގެ ތަފްސީލެއްވެސް އެޗްއާރުސީއެމުން ހާމަކޮށްފައެއް ނުވެއެވެ.

މިމައްސަލާގައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒެނީޝާއަށް ދައުވާކޮށްގެން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެންނަ ކަމަށާއި މިކަމުގައި އެންމެ ބުއްދިވެރި ގޮތަކީ ޒެނީޝާއަށް ކުރާ ދައުވާ އެޗްއާރުސީއެމްއިން އަނބުރާ ގެންދިއުން ކަމަށެވެ.

އެޗްއާރްސީއެމަށް ހުށަހެޅި މައްސަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު ޒެނީޝާއާއި ބަޝީރުގެ އިތުރުން އެ މައްސަލާގައި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި ބައެއް ފުލުހުންގެ މައްޗަށް ވެސް ދައުވާކުރަން ވަނީ ފޮނުވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒެނީޝާއާއި ބަޝީރުގެ މައްޗަށް ދައުވާ ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން އެކަމުގައި ބައިވެރިވި ބައެއް ކުދިން ހިޔާ އިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވާތީ ކަމަށް ބުނެއެވެ.

މިމައްސަލާގައި ޕީޖީ އޮފީހުން ބުނެފައިވަނީ އެޗްއާރުސީއެމުން ފޮނުވާފައިވާ މައްސަލަ އެއޮފީހުން ދިރާސާ ކުރަމުންދާކަމަށެވެ.

އަދި އަންނަ ހަފްތާގައި މައްސަލާގައި ގޮތެއް ނިންމާނެ ކަމަށެވެ.