ފުޓުބޯޅައިން މުޅި ދުނިޔޭގައިވެސް މަޝްހޫރުކަން ހޯދާފައިވާ ޕޯޗުގަލްގެ ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަނެއްކާވެސް އެއްމާބަނޑު ދެ ކުދިން ލިބެން އުޅޭކަން އޭނާ އިއުލާނު ކޮށްފިއެވެ.

އޭނަ މިކަން އިއުލާންކޮށްފައިވަނީ އިންސްޓާގްރާމް ޕޯސްޓެއް މެދުވެރިކޮށެވެ.

އުމުރުން 36 އަހަރުގެ ފުޓްބޯޅަ ކުޅުންތެރިޔާ އިންސްޓަގްރާމްގައި ކޮށްފައިވާ އެ ޕޯސްޓުގައި ބުނީ އޭނާގެ ލޯބިވެރިޔާ ޖޯޖީނާ އިނީ ދެކުދިންނަށް ބަލިވެ ކަމަށެވެ.

"އަހަރެމެން މިދަނީ އެއްމާބަނޑު ދެކުދިންނާއި ބައްދަލުވާނެ ކަމަށް އުއްމީދު ކުރަމުން. އަހަރެމެންގެ ހިތް ވަނީ ލޯބިން ފުރިފައި. ދެދަރިންނާއި ބައްދަލު ކުރަން މިތިބީ ކެތްމަދުވެފައި."
މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯގެ ޕޯސްޓްގައި ވަނީ އޭނާ އާއި ޖޯޖީނާ އެއްމާބަނޑު ދެކުދިންގެ ސްކޭން ފޮޓޯއެއް ހިފައިގެން ތިބި މަންޒަރު ފެންނަ ފޮޓޯއެއްވެސް ހިމަނާފައެވެ.

https://www.instagram.com/p/CVk29cSI-2E/

ރޮނާލްޑޯގެ މިހާރުވެސް ހަތަރު ކުދިން އެބަތިއްބެވެ.

އޭނާއަށް ފުރަތަމަ ދަރިއަކު ލިބިފައިވަނީ 2010 ވަނަ އަހަރުގައެވެ.

އެ ދަރިފުޅުގެ މަންމައަކީ ކާކުކަން ވަނީ ސިއްރު ކޮށްފައެވެ. 2017 ވަނަ އަހަރު ސަރޮގަސީ ބޭނުން ކޮށްގެން ވެސް ރޮނާލްޑޯ ވަނީ އެއްމާބަނޑު ދެކުދިން ހޯދާފައެވެ.

ޖޯޖީނާ އާއި ރޮނާލްޑޯ ބައްދަލުވީ 2016 ވަނަ އަހަރުއެވެ. ރޮނާލްޑޯ އާއި ޖޯޖީނާ ފުރަތަމަ ބައްދަލުވީ ޖޯޖީނާ ގޫޗީގެ ސޭލްސް އެސިސްޓެންޓަކަށް އޭނާ މަސައްކަތް ކުރަމުން ދިޔައިރުއެވެ.

އަދި 2017 ވަނަ އަހަރު ރޮނާލްޑޯ އާއި ޖޯރޖީނާއަށް އިތުރު ކުއްޖަކު ލިބިފައިވެއެވެ. މިއީ ރޮނާލްޑޯ އާއި ޖޯޖީނާ އަށް ލިބޭ ދެވަނަ އަދި ތިންވަނަ ދަރިންނެވެ.

މީޑީއާއަކަށް ކުރިން ދިން އިންޓަވިއު އެއްގައި ރޮނާލްޑޯ ބުނެފައިވަނީ އޭނާ ޖުމްލަ ހަތް ދަރިން ބޭނުންވާ ކަމަށެވެ.

ރޮނާލްޑޯއަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަން އިއުލާން ކުރުމާއިއެކު ސޯޝަލް މީޑިއާގައި އެތައް ހާސް ބަޔަކު އަންނަނީ ރޮނާލްޑޯ އަށް މަރުހަބާ ކިޔަމުންނެވެ.

އޭގެތެރޭގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން އެހެން ދާއިރާތަކުގެ މީހުން ވެސް ހިމެނެއެވެ.

ބައިނަލްއަގުވާމީ ގޮތުން މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ކަމުގެ ރިކޯޑު ހޯދާފައިވަނީ ރޮނާލްޑޯއެވެ. އުމުރުން 36 އަހަރުގެ ރޮނާލްޑޯ މި ސީޒަންގައި މެންޗެސްޓާއަށް ދިޔައީ، އޭގެ ކުރިން ޖުވެންޓަސް ގައި އުޅުމަށް ފަހުއެވެ.