ފޭސްބުކް ކުންފުނީގެ ނަން "މެޓާ"އަށް ބަދަލުކޮށް، އެ ކުންފުނި ރީބްރޭންޑް ކުރައްވާނެކަން، އެ ކުންފުނީގެ ވެރިޔާ މާރކް ޒުކަބާގް އިއުލާން ކުރައްވައިފިއެވެ.

ފޭސްބުކް ކުންފުނީގެ ނަން "މެޓާ"އަށް ބަދަލުކުރަން ނިންމާފައިވާކަން އެކުންފުނީގެ ސީއީއޯ މާކް ޒުކަބާގް ހާމަކުރީ ރޭ ބޭއްވި އެކުންފުނީގެ ވަރޗުއަލް ރިއަލިޓީ އެންޑް އޮގްމެންޓަޑް ރިއަލިޓީ ކޮންފަރެންސްގައެވެ.

ފޭސްބުކް ކުންފުނީގެ ނަން ބަދަލުކުރި ނަމަވެސް، އެކުންފުނީގެ މަޝްހޫރު އެޕްލިކޭޝަންކަމަށްވާ ފޭސްބުކްގެ ނަމަކަށް ބަދަލެއް ނާންނާނެ ކަމަށް މާރކް ޒުކަބާގް ވަނީ ހާމަކުރައްވާފައެވެ.

ފޭސްބުކްގެ އިތުރުން އިންސްޓަގްރާމް އާއި ވަޓްސްއަޕް ހިންގަމުން އަންނަ ކުންފުނިކަމަށްވާ ފޭސްބުކް ކުންފުނީގެ ނަން "މެޓާ"އަށް ބަދަލުކުރުމުގެ މައިގަނޑު މަގްސަދަކީ ހަމައެކަނި ސޯޝަލް މީޑިއާ ކުންފުންޏެއްގެ ގޮތުގައި ލޭބަލްވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމެވެ.

އެކުންފުނީގެ އެޕްލިކޭޝަންކަމަށްވާ ފޭސްބުކްއާ ގުޅުވައިގެން ދައްކާ ނޭދެވޭ ވާހަކަތަކުގެ ސަބަބުން އެކުންފުނީގެ އެހެން ޕްރޮޑަކްޓްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަކީވެސް ފޭސްބުކް ކުންފުނީގެ ނަން ބަދަލުކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޒުކަބާގް ބުނެއެވެ.

ފޭސްބުކްގެ ނަން ބަދަލުކުރިކަން ހާމަކޮށް ޒުކަބާގް އާއްމުކުރެއްވި ވީޑިއޯގައި ވަނީ ކުރިއަށް އޮތްތަނުގައި ފޭސްބުކް ތަރައްގީވެގެންދާނެ ގޮތުގެ ތަސައްވުރެއް ހުށަހަޅާދީފައެވެ.

އޮގްމަންޓެޑް ރިއަލިޓީއާއި ވީއާރު ޓެކްނޮލޮޖީ އަދި ހޮލޯގްރެފިކް ޓެކްނޮލޮޖީގެ ޑިޖިޓަލް ދުނިޔެއެއް ތަރައްގީކުރަމުންދާ ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޒުކަބާގް ބުނީ ފޭސްބުކްއަކީ މިހާރުވެސް އޯގްމެންޓެޑް ރިއަލިޓީ އާއި ވާޗުއަލް ރިއަލިޓީ ދާއިރާއިން އެންމެ ފުޅާ ދާއިރާއެއްގައި ދިރާސާކުރާ ކުންފުނި ކަމަށެވެ.