ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް އައްޑޫ ސިޓީ ސްކޫލްތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު އައްޑޫ ހައިސްކޫލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި އައްޑޫ ހައި ސްކޫލާއި، ޝަރަފުއްދީން ސްކޫލާއި، ފޭދޫ ސްކޫލާއި، އިރުޝާދިއްޔާ ސްކޫލާއި، މަރަދޫ-ފޭދޫ ސްކޫލުގެ އިތުރުން ނޫރާނީ ސްކޫލާއި މަރަދޫ ސްކޫލުގެ ޕްރިންސިޕަލުންނާއި ނައިބު ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.

ސްކޫލްތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ ހެޔޮގޮތުގައި ދަރިވަރުން ތަރުބިއްޔަތުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ އެންމެ އިސްވެރިން އެ ބޭފުޅުން ނިސްބަތްވާ ސްކޫލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތަފްސީލް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރައްވާފައިވެއެވެ. އެގޮތުން ސްކޫލްތަކުގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ފެންވަރު ރަނގަޅު ޓީޗަރުން ލިބުމުގެ ދަތިކަން ކުރިމަތިވުމާއި ސްކޫލްތަކުގެ ޖާގަ އަދި ވަޞީލަތުގެ ގޮތުން ހުރި ދަތިތައް ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެއިތުރުން، ނައިބު ރައީސް ވަނީ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވާ، އެތަނުގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އައްޑޫ ސިޓީގައި ކުށްމަދުކޮށް އަމާން ވެށްޓެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުއްފިލުއްވާފައެވެ. އަދި ޕޮލިސް ސްޓޭޝަންގައި މިވަގުތު ހުރި ދަތިތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުންވެސް އެމަނިކުފާނު މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ހިތަދޫ ޕޮލިސް ސްޓޭޝަންގެ އިސްވެރިންގެ ފަރާތުން ހިއްސާކުރެއްވި ކަންކަމުގެ ތެރޭގައި، އިމާރާތުގެ ޖާގައިގެ ދަދިތަކަމާއި، ވަސީލަތްތަކުގެ ދަތިކަން ފާހަގަކުރެއްވިއެވެ. ހިތަދޫ ޕޮލިސް ސްޓޭޝަނަށް ނައިބު ރައީސް ކުރެއްވި ޒިޔާރަތުގައި، އެ ސްޓޭޝަންގެ އެކި ޑިޕާޓްމަންޓްތަކަށް ވަޑައިގެން އެތަންތަނުގެ މަސައްކަތްކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ.