ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުލަތުން އޭނާ އާއި ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް އޮންލައިންކޮށް ބާއްވާ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ ކްރިމިނަލް ކޯޓުން ހައްލެއް ނުލިބި، ހައި ކޯޓުގައި މައްސަލް އިސްތިއުނާފްވެސް ކުރުމަށް ފަހުއެވެ.

މި މައްސަލާގައި ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވެފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އަލީ ވަހީދުގެ މައްޗަށް ދެ މަސް ދުވަހުގެ ޖަލުހުކުމެއްވެސް އިއްވާފައެވެ.

މީގެއިތުރުން، ސުޕްރީމް ކޯޓުން ވަނީ އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށް ވަގުތީ އަމުރެއްވެސް ނެރެފައެވެ.

މި މައްސަލައިގެ ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގެންނެވީ ބޭސްފަރުވާގެ ކުރައްވަން ވަޑައިގެން، ފަރުވާގެ ކަންކަން އަދި ނުނިމޭތީ ކަމަށް އަލީ ވަހީދު ވިދާޅުވެފައިވެއެވެ. މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އިނގިރޭސި ވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދަ ދެއްވާފައެވެ.

ދައުލަތުން ކްރިމިނަލް ކޯޓުގައި ގާޒީގެ ނިންމެވުން އިއުތިރާޒުކުރުމަށްފަހު މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރި ނަމަވެސް، އެ ނިންމުމަކީ އިޖުރާއީ ނިންމުމެއް ކަމުގައިވާތީ އެފަދަ ނިންމުންތައް އިސްތިއުނާފުކުރެވޭނީ ދަށު ކޯޓުގައި މައްސަލައާމެދު މައުޟޫޢީ ގޮތެއްގައި ގޮތެއް ނިންމުމަށްފަހުގައި ކަމަށް ހައިކޯޓުން ނިންމައި އިސްތިއުނާފުކުރި މައްސަލަ ބޭރުކޮށްލާފައިވެއެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގެ އަޑުއެހުމެއް ތާވަލްކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހަށެވެ.