އިންޓަނެޓް އަގު ހެޔޮ ކުރުމުގެ މަސައްކަތުގައި ކުރި އެންމެ މުހިންމު ކަމަކީ ތްރޮޓްލް ސްޕީޑް ބަދަލުކުރުން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިންޓަނެޓް އަގު ހެޔޮ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެއްޓީ 2019 ވަނަ އަހަރުގައި ކަމަށާއި ސްޓޭކްހޯލްޑަރުންނާއި އެކަމުގައި މަޝްވަރާކުރެވުނު ކަމަށެވެ.
އިންޓަނެޓް އަގު ހެޔޮ ކުރުމުގެ މަސައްކަތުގައި ކުރި އެންމެ މުހިންމު ކަމަކީ ތްރޮޓްލް ސްޕީޑް ބަދަލުކުރުން ކަމަށާއި މިނިމަމް ތްރޮޓްލް ސްޕީޑްގެ ގޮތުގައި ވަން އެމްބީޕީއެސް ބަދަލުކުރީ ޓޫ އެމްބީޕީއެސްއަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މޯބައިލް ޚިދުމަތްތަކަށް ސަރުކާރުން ގެނެވުނު ބަދަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެކަންކަން ހައްލުކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީއާއެކު ޚިދުމަތްދޭ ކުންފުނިތަކާ މަޝްވަރާކުރަމުންދާ ކަމަށެވެ.
އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގަ ޑިޖިޓަލް ޕްލެޓް ފޯމްތައް ބޭނުން ކުރުމަކީ ސަރުކާރުގެ ވައުދަކަށްވާއިރު އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސިއްހީ ޚިދުމަތާއި ބޭންކިންގެ ޚިދުމަތް ޑިޖިޓަލް ޕްލެޓް ފޯމްތަކުން އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށާއި މިހާރު މަސައްކަތްކުރަމުންދަނީ ޑިޖިޓަލް އައިޑީއެއް ތައާރަފް ކުރުމުގެ މަސައްކަތް ކަމަށެވެ.
އަދި މި މަސައްކަތުގައި އެންމެ މުހިންމު އެއްކަމަކީ ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވަސީ ގާނޫނެއް ހެދި ގަވާއިދުތަކެއް ހެދިފައި ހުރުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މާލަސްތަކެއްނުވެ މިކަމާ ގުޅޭ ބިލް މަޖިލީހަށް ހުށަހަޅާ ގާނޫނަކަށްވެގެންދާނެ ކަމަށާއި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކާ އެކު ޕެރެލަލްކޮށް ހިނގަންޖެހޭ އެއް މަސައްކަތަކީވެސް މިއީ ކަމަށެވެ.