ސްކޫލްތަކުގައި ދަރިވަރުންނަށް ކުރާ ޖިންސީގޯނާއާ ދެކޮޅަށް "ރައިޒް އަޕް އެމްވީ" އާއި ބައެއް ސްކޫލްތަކުގެ ބެލެނިވެރިން ގުޅިގެން އެއްވުމެއް ބާއްވައިފިއެވެ.

މިއެއްވުން ބާއްވާފައިވަނީ މިއަދު ރަސްފަންނު ސަރަހައްދުގައެވެ.

މި އެއްވުމަކީ މީގެ ހަފްތާއެއް ކުރިން މާލޭގެ ސްކޫލެއްގައި ކިޔަވާ، އުމުރުން 4 އަހަރުގެ ކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ ގޯނާކުރުމާއި ގުޅިގެން އޭނާ ހައްޔަރުކުރުމަށް ގޮވާލާ ބޭއްވި ސުލްހަވެރި އެއްވުމެކެވެ.

މި އެއްވުމުގެ ބައިވެރިން ވަނީ އެ މަސައްކަތު މީހާ ހިފާ ހައްޔަރުކުރުމަށާއި އަދި އެޑިއުކޭޝަން މިނިސްޓަރާއި ގަލޮޅު ސްކޫލުގެ ޕްރިންސިޕަލާމެދު ނުރުހުން ފާޅުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާ ކޮށްފައިވަނީ ގަލޮޅު ސްކޫލުގައި ކިޔަވަމުންދާ ދަރިވަރެކަށެވެ.

އެކަމާ ގުޅޭގޮތުން ގަލޮޅު ސްކޫލުން ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ސްކޫލްގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ވަޒީފާގެ މައްސޫލިޔަތުން އެކަހެރި ކޮށްފައިވާ ކަމަށެވެ.

އަދި ކުދިން ފާހާނާއަށް ދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން ކަމަށެވެ.

ނަމަވެސް. އެ މަސައްކަތު މީހާ މިހާތަނަށް ހައްޔަރުކޮށްފައިވާކަމެއް އެނގިފައެއް ނުވެއެވެ.

ކުއްޖާއަށް ޖިންސީ ގޯނާކުރި ވާހަކަތައް އޮއްބާލަން ސްކޫލުން މަސައްކަތް ކުރާކަމަށް ކުއްޖާގެ އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.