ފިރިހެނުންގެ ޝޯޓް ކޯސް 50 ބެކްސްޓްރޯކް އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑްމ، ކުޅަދާނަ ފެތުންތެރިޔާ ޢަލީ އިމްޢާން އައުކޮށްފިއެވެ.

ގައުމީ ރެކޯޑުތައް އިމްޢާން އައުކޮށްފައިވަނީ ރަޝިޔާގެ ކަޒާންގައި މިމަހު 28 ން 30 އަށް ކުރިއަށްދިޔަ ފީނާ ސްވިމިންގ ވޯލްޑް ކަޕް 2021 ގައެވެ.

އެގޮތުން 50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ރެކޯރޑް އިމްޢާން އައުކޮށްފައިވަނީ 29.23 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. 50 މީޓަރ ބެކްސްޓްރޯކްގެ ޤައުމީ ރެކޯޑް އެންމެފަހުން އައުކޮށްފައިވަނީ ވެސް އިމްޢާން އެވެ. އެއީ 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 29.44 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އަދި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރެކޯރޑް އިމްޢާން އައުކޮށްފައި ވަނީ 5 މިނެޓް. 06.64 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގައި ބައިނަލްއަޤްވާމީ މުބާރާތެއްގައި ދިވެހި ފެތުންތެރިއަކު އެންމެ ފުރަތަމަ ފަތާފައިވަނީ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައެވެ. މުޙައްމަދު އާން ޙުސައިން އެފަހަރު އެއިވެންޓް ފުރިހަމަކޮށްފައިވަނީ 5 މިނެޓު، 49.08 ސިކުންތުންނެވެ.

މީގެއިތުރުން އިމްޢާން ވަނީ މުބާރާތުގެ ފުރަތަމަދުވަހު ފިރިހެނުންގެ ޝޯރޓް ކޯސް 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯޑުވެސް އައުކޮށްފައެވެ. އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ އެއްމިނެޓް، 04.93 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ މުބާލް އައްޒާމް އިބްރާޙީމެވެ. މުބާލް މިރެކޯޑް އައުކޮށްފައިވަނީ 2017 ވަނަ އަހަރު ބޭއްވުނު 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާޝަލް އާރޓްސް ގޭމްސްގައި އެއްމިނެޓު 10.13 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މި ވަގުތު ފީނާ ސްކޮލަޝިޕެއްގެ ދަށުން ރަޝިއާގައި ތަމްރީނު ހަދަމުން އަންނަ އިމްއާނަކީ ފަހަކަށް އައިސް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަ ފެތުންތެރިއެކެވެ. އެގޮތުން އިމްއާން ވަނީ އަންނަ ޑިސެމްބަރު މަހު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫ ދާބީގައި ބާއްވާ ދުނިޔޭގެ ފެތުމުގެ މުބާރާތް ކަމަށްވާ 15 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށްވެސް ހޮވާފައެވެ.

ދެން އެ މުބާރާތުގައި ރާއްޖެ ތަމުސީލުކުރާނީ އައިޝަތު ސައުސަން އާއި، ހަމްނާ އަޙްމަދު އަދި މުޙައްމަދު އާން ހުސައިނެވެ.