"ވީ ކްރިއޭޓް" އާރޓް އެގްޒިބިޝަން މިއަދު ފަށައިފިއެވެ.

އެގްޒިބިޝަން ހުޅުވުމުގެ ގޮތުން މިއަދު ނެޝެނަލް އާރޓް ގެލެރީގައި ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ނެޝެނަލް އާރޓް ގެލެރީގެ ކުރީގެ ޑިރެކްޓަރ މުހައްމަދު ހިލްމީއެވެ.

ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހިލްމީ ވިދާޅުވީ، އާރޓް ނުވަތަ ފަންނުވެރިކަމަކީ ކޮންމެ އިންސާނަކަށް އެންމެ ބޮޑު ފައިދާއެއް ކޮށްދޭ ހުނަރެއް ކަމަށާއި، އެއާ ނުލާ ދުނިޔެއަށް އުފެއްދުނެތެރިކަން ނައީސް ކަމަށެވެ.

އަދި، އާރޓް ގެލެރީގައި ތާރީޚުގެ ތެރެއިން ފެނިގެންދާނެ ފަދަ ހުނަރުތައް ޑިސްޕްލޭ ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ހިލްމީ ވިދާޅުވިއެވެ.

"ވީ ކްރިއޭޓް" އާރޓް އެގްޒިބިޝަނަކީ އަރޓިސްޓް އަހުމަދު ނިމާދު (އަންދު)، އާއި ފާތިމަތު ޖުނައިނާ (ޖުނޭ)ގެ ފޭސްބުކް ޕޭޖް "ބަލްބް" ގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެގްޒިބިޝަނެކެވެ.

މި އެގްޒިބިޝަނުގައި ދިވެހިވަންތަ، އަމިއްލަ އުފެއްދުންތައް ވަނީ ދައްކާލާފައެވެ.

އެގޮތުން، ގޭގައި ބޭނުންކުރާ މޭޒާއި، ޕޮޓް ފަދަ ހައުސްހޯލްޑް އައިޓަމްސް ހިމެނޭއިރު އެކްޒިބިޝަނުގައި ބެހެއްޓިފައިހުރި ހުރިހާ އުފެއްދުންތަކަކީ ވެސް ވަކި ވަކިން ފަރުމާކޮށްގެން އުފައްދާފައިވާ އުފެއްދުންތަކެއްކަން ފާހަގަކޮށްލެވެއެވެ.

އަންދުއާއި ޖުނޭގެ އިތުރުން މި އެކްޒިބިޝަނުގައި މަރިޔަމް ލީން އަހުމަދުގެ ވަރަށް ހާއްސަ ޑޫޑުލްއެއްވެސް ވަނީ ދައްކާލާފައެވެ.

ޑޭޒީމާގޭ އައިމިނަތު ފާއިޒާ ލިޔުއްވާފައިވާ މަޝްހޫރު ޅެން "ވިސްނާށޭ ގައުމު"ގެ ޅެން ބައިތު ތަކުން ދޭހަވާ މާނަ ކުރެހުމުން ފެންނާނެގޮތަށް ލީން ވަނީ ޅެމުގެ ބައިތުތައް ހިމަނައިގެން ޑޫޑުލް ކޮށްފައެވެ.

ލީން މި ޅެމަށް ހެދި ޑޫޑުލް އަކީ ހިލްމީގެ ހާއްސަ ރިކުއެސްޓްއަކަށް ހަދާފަ އިން ޑޫޑުލް އާޓްވޯކެއް މީ. ދެން މީގަ ބޮޑަށް ދައްކާލާފަ މީނީ، އަނެއްހެން ބުނަންޔާ ޅެމެއްތާ މީ ދޯ. ބޮޑަށް މީތި ޕިކްޗަރ ވައިޒް ދައްކާލެވޭނެ ގޮތަކަށް ލީން މީނީ ކުރަހާލާފަ. ކުރެހީރު ވިސްނީ ބަލާ ކޮންމެ މީހަކަށްވެސް ފަސޭހައިން ދެނެގަނެވޭނެ ފަދަ ގޮތަކަށް މީތި ގެނެސްދޭން.
މަރިޔަމް ލީން އަހުމަދު

މި ޑޫޑުލްއާއި ބެހޭގޮތުން މުހައްމަދު ހިލްމީ ވިދާޅުވީ، މިއީ 2008 ވަނަ އަހަރު ގާނޫނު އަސާސީ އެކުލަވާލުމާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ހިލްމީގެ މަންމަ ތައްޔާރުކޮށްދެއްވާފައިވާ ޅެމެއް ކަމަށެވެ.

މި ޅެން ލިއުމަށް ފަހުގަ ލަވައެއް ވެސް ހެދިގެން ދިޔަ އޭރު. ދެނ ވީޑިއޯއެއްވެސް ހަދާ ވާހަކަ ދެކެވިފަ އޮތީ. އެކަމަކު ވީޑިއޯއެއް ނުހެދުނު. ދެން އަޅުގަނޑު ހިތައް އެރީ މިހާރުގެ ޒަމާނީ ސްޓައިލަކަށް މީތި ގެނެސްދޭން. ދެން އަންދުގެ ދަރިފުޅު ލީން އަކީ މި މަސައްކަތް ކުރާ ކުއްޖަކަށް ވެފައި މި މައުރަޒަށް މީތި ތައްޔާރުކޮށްފަ ހުށަހަޅައިދިނީ.
މުހައްމަދު ހިލްމީ

މީގެއިތުރުންވެސް މި އެކްޒިބިޝަނުގައި ހާއްސަ ފަރާތެއްގެ މަސައްކަތް ވަނީ ދައްކާލެވިފައެވެ.

އެގޮތުން ކުޅުދުއްފުއްޓަށް ނިސްބަތްވާ ރައްޔިތެއްގެ ފޮޓޯ ނެގުމުގެ ހުނަރު ދައްކާލުމުގެ ގޮތުން އޭނާގެ ފޭސްބުކާއި އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ގިނަ އަދަދެއްގެ ފޮޓޯ އެގްޒިބިޝަނުގައި ވަނީ ދައްކާލާފައެވެ.

އަންދު ވިދާޅުވީ، އެ ފޮޓޯތަކަކީ އަންދުއަށް ފާހަގަވި ގޮތުގައި ވަރަށް ފަންނުވެރި، "ކްރިއޭޓިވް މައިންޑް" އަކުން ނަގާފައިވާ ފޮޓޯތަކެއް ކަމަށާއި އޭނާ ނަގާފައިވާ ފޮޓޯތަކުން ބުނެދިން ވާހަކައިގެ ސަބަބުން އެ ފޮޓޯތަކަށް ޝައުގުވެރިވެގެންދާނެ ކަމަށެވެ.

މި އެގްޒިބިޝަން ޕްރޮމޯޓްކުރުމުގެ ގޮތުން މާލޭގެ އެކި ފިހާރަތަކުގައި، އެ ފިހާރަތަކަކާއި ގުޅޭ އާޓް ޕީސްތަކެއް ވަނީ ބަހައްޓާފައެވެ. އެގޮތުން، ސްކޫޕް، ލެކިއުޓް، ޕޭޕަރވޯލޑް އަދި އޮބިއޮންއާއި ސްލިމްފިޓްގެ އިތުރުން ޑޫޑުލްގައި އިންސްޓޮލޭޝަން އާޓް ޕީސްތަކެއް ބަހައްޓާފައިވެއެވެ.

މި އެގްޒިބިޝަނުގައި ލައިވް އާރޓް ސްކަލްޕްޗާރޒް ތައްޔާރުކުރުމުގެ މަސައްކަތް، ޒިޔާރަތްކުރާ ފަރާތްތަކަށް ފެނިގެންދާނެ ކަމަށް އަންދު ވިދާޅުވިއެވެ.

މި އެގްޒިބިޝަން ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ނިޔަލަށް ނެޝެނަލް އާރޓް ގެލެރީގައެވެ.