ގަލޮޅު ސްކޫލުގައި ކިޔަވަމުންދާ ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފުރިހަމަ ތަހްގީގެއް ހިންގާ އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ.

މެމްބަރު ޝިޔާމް ވަނީ، ކަންހިނގާ ދިޔަ ގޮތާމެދު ކަންބޮޑުވުންފާޅުކުރައްވާ، ކަމާގުޅޭ މުއައްސަސާތަކުން ފިޔަވަޅު އެޅި ގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އެކަމުގެ ޒިންމާއިން ރެކެން ސްކޫލުން މަސައްކަތްކޮށްފައިވާކަމަށާއި، މައްސަލާގައި ޝާމިލްވާ ހުރިހާ ފަރާތްތަކުންވެސް އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކުދިން ސްކޫލުގައި ހޭދަކުރާ ވަގުތަކީ އެކުދިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޒިންމާ ސްކޫލްތަކުން ފުރިހަމައަށް ނަގަންޖެހޭ ވަގުތުތަކެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، އެ ދަރިވަރާ ހަވާލުވެގެން ހުރި ޓީޗަރަށް ދަރިވަރު ހަވާލުކުރެވުނީ ކާކާކަންވެސް ނޭނގޭ ކަމަށާއި ސްކޫލްގައި ކަންހިނގާދިޔަ ގޮތް ބެލޭނެކެމެރާތަކެއް ވެސް ނެތް ކަމަށެވެ.

އަދި މައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑަރ މިނިސްޓްރީން ނިންމަންޖެހޭ ނިންމުންތައް އެހާމެ ލަސްކަމަށާއި، މައްސަލައަށް ސަމާލުކަމެއް ލިބުނީ މީޑިއާއިން އެކަމާގުޅޭގޮތުން ރިޕޯޓުތައް ގެނެސެދޭން ފެށުމުން ކަމަށް ވެސް މެމްބަރު ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

މީގެއިތުރުން، އެތައްސަތޭކަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ސްކޫލަކުން ދަރިވަރަކަށް އެފަދަ އަނިޔާއެއް ލިބިގެންދިއުމަކީ ސްކޫލުގެ ނިޒާމަށް ސްކޫލްތަކަށް ބެލެނިވެރިންގެ ހިތުގައި އޮތް ޔަގީންކަން ކުޑަވެ، މުސްތަގުބަލްގެ ޖީލުތަކަށް އެކަމުގެ ސަބަބުން ނުހަނު ބޮޑެތޮ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއްކަމަށް ވާތީ، އެކަމުގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާތީ ސްކޫލުތަކުގައި މިހާރަށްވުރެ ބޮޑަށް ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް މެމްބަރު ހުށަހެޅުއްވި މައްސަލާގައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާއަށް ޖިންސީގޯނާ ކޮށްފައިވަނީ ކުއްޖާ ފާހާނާއަށް ދިޔަ ވަގުތު އެ ސްކޫލުގެ މަސައްކަތު މީހެކެވެ. އެކަމާ ގުޅޭގޮތުން ގަލޮޅު ސްކޫލުން ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ ސްކޫލްގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ވަޒީފާގެ މައްސޫލިޔަތުން އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި ކުދިން ފާހާނާއަށް ދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން ކަމަށެވެ.

އެ މަސައްކަތު މީހާ ހިފާ ހައްޔަރުކުރުމަށާއި އަދި އެޑިއުކޭޝަން މިނިސްޓަރާއި ގަލޮޅު ސްކޫލުގެ ޕްރިންސިޕަލާމެދު ނުރުހުން ފާޅުކޮށް އިއްޔެ ހަވީރު ވަނީ އެއްވުމެއްވެސް ބާއްވާފައެވެ.