ގަލޮޅު ސްކޫލުގައި ކިޔަވަމުންދާ ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ ގޯނާކުރި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑަރ މިނިސްޓްރީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމީޓިގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ މި މައްސަލައާ ގުޅުން ހުރި ފަރާތްތައް ހާޒިރުކުރުމަށް ޓަކައި ކޮމިޓީގެ މެމްބަރުންނަށް ހުށަހަޅުއްވައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑަރ މިނިސްޓްރީގެ އިތުރުރުން، ފުލުހުންގެ ތެރެއިން ވެސް ބައެއް ބޭފުޅުން ހާޒިރުކުރުމަށް ޖީހާން ވަނީ ހުށަހަޅުއްވާފައެވެ. ކޮމިޓީގެ މެމްބަރުން ވަނީ ޖީހާންގެ ހުށަހެޅުމަށް ތާއިޑުކޮށް ބުދަ ދުވަހު އޮންނަ ކޮމިޓީގެ ބައްދަލުވުމަށް އެ ފަރާތްތައް ހާޒިރުކުރުމަށް ނިންމާފައެވެ.

ސްކޫލްތައް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކުރައްވާ ޖީހާން ވިދާޚުވީ، އެގޮތުގެ މަތީން މި މައްސަލައިގެ ތަހުގީގު ހިނގާ ގޮތް ބެލުމަށް ޓަކައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ވެސް ލިޔުމުން ހުށަހަޅާނެކަމަށެވެ.

މި މައްސަލައިގެ ފުރިހަމަ ތަހްގީގެއް ހިންގާ އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ މިއަދު މަޖިލީހަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.

ގަލޮޅު ސްކޫލުގައި ކިޔަވަމުންދާ ދަރިވަރަކަށް ޖިންސީގޯނާ ކޮށްފައިވަނީ ކުއްޖާ ފާހާނާއަށް ދިޔަ ވަގުތު އެ ސްކޫލުގެ މަސައްކަތު މީހެކެވެ. އެކަމާ ގުޅޭގޮތުން ގަލޮޅު ސްކޫލުން އިއްޔެ ވަނީ ސްކޫލްގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ވަޒީފާގެ މައްސޫލިޔަތުން އެކަހެރި ކޮށްފައެވެ.

އެ މަސައްކަތު މީހާ ހިފާ ހައްޔަރުކުރުމަށާއި އަދި އެޑިއުކޭޝަން މިނިސްޓަރާއި ގަލޮޅު ސްކޫލުގެ ޕްރިންސިޕަލާމެދު ނުރުހުން ފާޅުކޮށް އިއްޔެ ހަވީރު ވަނީ އެއްވުމެއްވެސް ބާއްވާފައެވެ.

ނަމަވެސް މިހާތަނަށް އެ އަމަލު ހިންގި މީހަކު ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.