ދެެކުނުއިރުމަތީ އޭޝިއާގެ ފަތުރުވެރިކަމާ ގުޅޭ އެންމެ ބޮޑު ވާޗުއަލް ފެއާ، އައިޓީބީ އޭޝިއާގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެ ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

މި ވާޗުއަލް ފެއާ ކުރިއަށް ދިޔައީ މި މަހުގެ 25 ވަނަ ދުވަހުން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އައިޓީބީ އޭޝިއާ 2021 ކުރިއަށް ދިޔައީ މައިސް ޝޯ އޭޝިއާ 2021 އަދި ޓްރެވަލް ޓެކް އޭޝިއާ 2021 އާއެކުއެވެ.

ފަސް ދުވަހަށް ކުރިއަށް ދިޔަ މި ހަރަކާތުގައި ފަތުރުވެރިކަމާ ގުޅޭ އެކި ހިދުމަތްދޭ ފަރާތްތަކާއި މި ދާއިރާގެ އީޖާދީ އުފެއްދުންތައް ފޯރުކޮށްދޭ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން ފަތުރުވެރިކަމުގެ އެކި ސެގްމެންޓުތަކުގެ ހިދުމަތްދޭ ފަރާތްތަކާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކުން މި ވާޗުއަލް ހަރަކާތުގެ ތެރެއިން ވަނީ މުހިންމު މަޝްވަރާތަކަކާއި، ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތުގައި ރާއްޖެ ތަމްސީލްކުރުމުގައި ވިޒިޓް މޯލްޑިވްސް އާއެކު އިންޑަސްޓްރީގެ 15 ފަރާތަކުން ބައިވެރިވިއެވެ. މި ވާޗުއަލް ހަރަކާތުގައި ބައިވެރިވުމުގެ މަޤްސަދަކީ ދެކުނުއިރުމަތީ އޭޝިއާގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، މި މާކެޓްގެ އެކި ޤައުމުތަކުން ރާއްޖެއަށް އައުމަށް ފަތުރުވެރިން ބުކިން ހަދާ މިންވަރާއި، ރާއްޖެ އަންނަ އަދަދު އިތުރުކުރުމެވެ.

އަދި ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓް (ރިޒޯޓު، ގެސްޓްހައުސް، ހޮޓެލް، ލިވަބޯޑު) ތަކާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރުމެވެ.

އައިޓީބީ އޭޝިއާ އަކީ މި ސަރަހައްދުގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ހަރަކާތުގައި 132 ޤައުމަކުން 3200 އެގްޒިބިޓަރުން ބައިވެރިވިއެވެ. އަދި ފަސް ދުވަހުގެ މި ހަރަކާތުގައި 13،000 ވުރެ ގިނަ މީހުން ވާޗުއަލްކޮށް ބައިވެރިވިއެވެ. މީގެތެރޭގައި މައިސް، ކޯޕަރޭޓް އަދި ލެޝާ ސެގްމެންޓުގެ ހިދުމަތް ހޯދުމަށްބޭނުންވާ 1،250 ފަރާތްތަށް ހިމެނެއެވެ.

ވޭތުވެ ދިޔަ އަހަރުތަކަށް ބަލާއިރު، ދެކުނުއިރުމަތީ އޭޝިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެވެ. މި އަހަރުގެ އޮކްޓޫބަރު 24 ގެ ނިޔަލަށް ރާއްޖެއަށް 962,490 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެކުނު އޭޝިއާގެ މުހިންމު މާކެޓްތަކުގެ ބޯޑަރ އަދިވެސް ބަންދުވެފައި ވުމާއެކު، މީގެތެރެއިން 1,766 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ދެކުނުއިރުމަތީ އޭޝިއާ މާކެޓުންނެވެ.