ފާއިތުވި ތިން ދުވަހު ރާއްޖޭން 297 މީހަކު ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ހާމަ ކުރި ތާފާސް ހިސާބު ދައްކާ ގޮތުގައި ހުކުރު ދުވަހު ޕޮޒިޓިވްވީ 98 މިހާކުއެވެ. އަދި ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 53 މީހަކުއެވެ. އަދި މިއަދު ޕޮޒިޓިވްވެފައިވަނީ 146 މީހުންނެވެ.

ހުކުރު ދުވަހު ޓެސްޓް ކޮށްފައިވަނީ 2،628 ސާމްޕަލް ކަމަށެވެ. އަދި ހޮނިހިރު ދުވަހު ޓެސްޓް ކޮށްފައިވަނީ 1،245 ސާމްޕަލް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި މިއަދު ޓެސްޓް ކޮށްފައިވަނީ 1،185 މީހުންނެވެ.

މިއާކު ރާއްޖެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 87،784 އަށް އަރާފައެވެ. އަދި މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1،792 ގައެވެ.

30 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 85،736 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު ކޮންމެ ރެއަކު އިއުލާން ކުރަމުން ގެންދިޔަ ނަމަވެސް ފާއިތުވި ދެ ރޭ ވެސް ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ހާމައެއް ނުކުރެއެވެ.