ކުދި އާބާދީތައް އޮންނަ ރަށްރަށުން، ބޮޑެތި އާބާދީ އޮންނަ ރަށްރަށަށް މީހުން ބަދަލު ކުރާ ގޮތަށް އެއްފަސްކުުރުމުގެ ސިޔާސަތަކީ މި ސަރުކާރުން ދެކޮޅުހަދާ ސިޔާސަތެއްކަމަށް މިނިސްޓަރ އޮފް ޕްލޭނިންސް، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ރާއްޖޭގެ ކުޑަ އާބާދީތަކުގައި ތިބި ރައްޔިތުން އެހެން ރަށްތަކަށް ބަދަލުކުރުމުމުގެ ވިސްނުން ގެންގުޅުއްވަންތޯ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިސަރުކާރުން އެއްވެސް ރަށެއްގެ ރައްޔިތުން އެއްރަށުން އަނެއް ރަށަށް ބަދަލު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ.
މެމްބަރު އަބްދުﷲ ޖާބިރު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްރަށް ގުޅުވާލުން ކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް އޮތް އިރު، އެއިން ކޮންމެ ރަށެއްގައިވެސް އާންމު އުމްރާނީ ބިނާތައް މިހާރު ގާއިމްކުރެވިފައިވާ ކަމަށާއި އެހެންކަމުން އެވަރަށް މަސައްކަތް ގެންދިއުމަށް ފަހު، އެ ރަށްރަށުން މީހުން ބޭލުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ރާއްޖޭގެ ކުޑަ އަބާދީތަކަކީ އެރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުގައި ތިބެގެން ބޮޑެތި މަންފާތަކެއް ލިބޭނެ ވަރުގެ ގުދުރަތީ ވަސީލަތްތަކާއި، ހިތްގައިމު މާހައުލެއް އޮތް ރަށްތަކެއްގެ ގޮތުގައި މިނިސްޓަރ ފަހަގަކުރެއްވިއެވެ.
ބެއެއް ރަށްތަކަކީ މީގެ ކުރިން މާބޮޑު އިގްތިސާދެއް ނެތް ރަށްތަކެއްގެ ގޮތުގައި ފާހަގަވިނަމަވެސް މިއަދު ފުދުންތެރިކަން އެންމެ ބޮޑު، އަދި އެންމެ ބޮޑު އިގްތިސާދެއް އޮތް ރަށްތަކުގެ ގޮތުގައި އެރަށްތައް ފާހަގަވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.