އދގެ މޫސުމާބެހޭ ސަމިޓް، ސްކޮޓްލެންޑްގެ ގްލާޒްގޯގައި ފެށުނުއިރު، ގްލާޒްގޯގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ސަމިޓަށްވެސް އޭގެ އަސަރު ކުރަމުން އެބަދެއެވެ.

ގްލާޒްގޯއަށް އިއްޔެ ވަރަށް ބޯކޮށް ވާރޭވެހިފައި ވެއެވެ. މިދިޔަ ހަފްތާއިން ފެށިގެން ގްލާޒްގޯއަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެތައް ހިސާބެއްގައި ފެންބޮޑުވެފައި ވެއެވެ.

ވިއްސާރައިގެ ސަބަބުން ލަންޑަންގެ ބައެއް ހިސާބުތަކުން ބޮޑެތި ގަސްތައް މުލުން ލުހިގެން ވެއްޓުމުގެ ސަބަބުން އެތައް ހިސާބަކުން ރޭލު މަގުތައް ބަންދުވިއެވެ.

ނަތީޖާއެއްގެގޮތުން، ލަންޑަނުން ގްލާޒްގޯއަށް އަންނަ ރޭލުމަގުތައް ބަންދުވެ، ގްލާޒްގޯ ސަމިޓަށް ވަޑައިގަންނަވަން އުޅުނު އެތައް ބައެއްގެ ދަތުރަށް ހުރަސްއެޅުނެވެ.

ރޭލު މަގުން ދަތުރު ނުކުރެވި، އެތައްބަޔަކު ފަހު ވަގުތު ފްލައިޓްތައް ހަމަޖައްސައި، ބައެއް ވަފުދުތަކަށް ގްލާޒްގޯއަށް ދެވުނީ ސަމިޓް ފެށެން ކުޑަތަންވެފައި ވަނިކޮށެވެ. ބައެއް ވަފުދުތައް ދިތައީ ކުލީ ކާރުތަކުގައެވެ.

މޫސުމާބެހޭ ސަމިޓަށް އަންނަ ހުރިހާ ވަފުދުތަކުގައި ހިމެނޭ ބޭފުޅުން ކޮވިޑް ޓެސްޓުގެ ނަތީޖާ ގެންދަން ޖެހޭއިރު، ބައެއް ވަފުދުތަކަށް އެޕްލިކޭޝަން މެދުވެރިކޮށް ޓެސްޓުތަކުގެ ނަތީޖާ ހުށަހެޅުމުގައިވެސް ދަތިތަކާ ކުރިމަތިވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮޕް26 ސަމިޓަކީ، ކޮވިޑްބަލީގެ ހާލަތުގެ ފަހުން ދުނިޔޭގެ ވެރިންނާއި، މަތީ ފަންތީގެ ވަފުދުތައް އެއްތަންވެގެން ބާއްވާ އެންމެބޮޑު ސަމިޓެވެ.

މޫސުން ގޯސްވުމާއި، ކޮވިޑް ޓެސްޓުގެ ނެގަޓިވް ނަތީޖާއާއެކު ވަފުދުތަކާއި، ގައުމުތަކުގެ ވެރިން ގްލާޒްގޯއަށް ޖަމާވެވަޑައިގެންފައިވާއިރު، މިކަންކަމުގެ ކަންބޮޑުވުންތަކަށް ވުރެންވެސް ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ސަމިޓުން ނުކުންނާނެ ނަތީޖާއެއްގެ މައްސަލައެވެ.

ޖައްވަށް އެންމެ ގިނައިން ވިހަގޭސް ބޭރުކުރާ ގައުމުތަކުން، ގޭސް ބޭރުކުރާ މިންވަރު ކުޑަކުރުމަށް ކުރިން އެއްބަސްވެފައި ވީނަމަވެސް، އެކަން ހާސިލްކުރަން އަމަލީގޮތުން މަސައްކަތް ކޮށްފައިނުވާ މައްސަލައިގެ ކަންބޮޑުވުން އުފެދިފައި ވެއެވެ.

އެހެންކަމުން، އެންމެންވެސް އުންމީދު ކުރަމުންދަނީ، ގައުމުތަކުގެ ވެރިންގެ މަޝްވަރާތަކަށް ފަހު، ޖައްވަށް ވިހަގޭސް ދޫކުރާ މިންވަރު ކުޑަކުރުމަށް ހުރި ހުރަސްތައް ނައްތާލެވޭނެ ކަމަށެވެ.

ދުނިޔޭގެ ސިނާއީގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު ނުވަތަ ޖީ20 ގައުމުތަކުގެ ވެރިންގެ ސަމިޓް އިޓަލީގެ ރޯމްގައި މި ހަފްތާގައި ނިމިގެންދިޔައިރު، ގައުމުތަކުގެ ވެރިން އެއްބަސްވެވަޑައި ގެންފައިވަނީ ދުނިޔެ ހޫނުވުން މަދުވެގެން 1.5 ޑިގްރީ ސެލްސިއެސްއަށް ކުޑަކުރުމަށެވެ. ނަމަވެސް، އެކަން ކުރާނެ މާ ހަރުދަނާ ގޮތްތަކެއް ވެރިން ހުށަހަޅުއްވާފައެއް ނުވެއެވެ.

ޖީ20 ވެރިންގެ ސަމިޓަކީ، އދގެ މޫސުމާބެހޭ ސަމިޓް ނުވަތަ ކޮޕް26 ގެ ރިހާސަލްއެއްކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

އެހެންނަމަވެސް، ކޮޕް26 ސަމިޓްގައި ގައުމުތަކުގެ ވެރިންގެ ފަރާތުން އިތުރު ވައުދުތަކަކަށް ދުނިޔެ ބޭނުންވެފައި ވެއެވެ. އެއީ، ޖީ20 ސަމިޓުގެ ނިންމުން ބަލިކަށިވުމުން ކަމަށް މޫސުމާބެހޭ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޖައްވު ހޫނުވުމުގެ މައްސަލައިގެ ކަންބޮޑުވުން އުފެދިފައިވާއިރު، ގައުމުތަކުގެ ވެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަންޖެހޭ މައްސަލަތައް މިފަހަރުގެ ސަމިޓުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ކްލައިމެޓް ފައިނޭންސިންގވެސް ހިމެނެއެވެ.

މޫސުމީ މައްސަލަތަކާއި، ޖައްވު ހޫނުވުމުގެ މައްސަލާގައި ދުނިޔޭގެ ވެރިން އެއްތަންވެވަޑައި ގެންފައިވާއިރު، ވޯލްޑް މީޓިއޮރޮލޮޖިކަލް އޮގަނައިޒޭޝަންގެ ކްލައިމެޓް ސައިންޓިސްޓުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ވޭތުވެދިޔަ 7 އަހަރަކީ ދުނިޔޭގައި މިހާތަނަށް ރެކޯޑްކުރެވުނު އެންމެ ހޫނުގަދަ ހަތް އަހަރު ކަމަށެވެ.