ހަތަރުވަނަ އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް 2021 ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ.

ވާޗުއަލްކޮށް އައިއެމްޓީއެމް އެއާ ޕްލެޓްފޯމްގައި މި ފެއާ ކުރިޔަށްގެންދިޔައިރު، މި ފެއާ ބޭއްވީ އޮކްޓޫބަރު 26 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ އައިއެމްޓީއެމް ފެއާގައި ތަފާތު އެކި ޤައުމަކުން ގިނަ ބައިވެރިން ބައިވެރިވެފައިވާކަމަށް މި ފެއާ އިންތިޒާމް ކުރާ ފަރާތުން މައުލޫމަތުދެއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފެއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ ވާޗުއަލް ފެއާ އެކެވެ. މި ފެއާ ވެގެންދިއައީ ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއް ޕްލެޓްފޯމަކުން ބައްދަލުކޮށް، ނެޓްވޯކް ކުރުމަށް ފުރުސަތު ލިބިގެންދިއަ ފެއާ އަކަށެވެ.

މި އަހަރުގެ ފެއާގައި ބައްދަލުވުންތަކާއި ލައިވް ކޮންފަރެންސް ސެޝަންތަކާއި ފޯރަމްތައް ބޭއްވުމުގެ ފުރުސަތުވެސް ބައިވެރިވާ ފަރާތްތަކަށް ލިބިގެންދިއައެވެ.

މި ފެއާއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުހައްމަދު ވަނީ، އައިއެމްޓީއެމް ފަދަ ފެއާތައް ރާއްޖޭގެ އަމިއްލަ ކުންފުނިތަކުން ބޭއްވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ހިދުމަތްތައް ބޭރުގެ މާކެޓަށް އިޝްތިހާރުކުރުމަށް ލިބޭ ރަގަނޅު ފުރުސަތެއްގެ ގޮތުގައި ޠައްޔިބު ފާހަގަކުރެއްވިއެވެ.

އައިއެމްޓީއެމް ފެއާ އިންތިޒާމްކުރާ ފަރާތުން ބުނީ މިދިޔަ އަހަރުގެ ފެއާއަށް ލިބުނު ހިޔާލުތަކުގެ އަލީގައި މި އަހަރު ފެއާ ބާއްވަ ވާޗުއަލް ޕްލެޓްފޯމް "އައިއެމްޓީއެމް" އިތުރަށް އަޕްގްރޭޑް ކުރެވިފައިވާކަމަށެވެ. އަދި އައިއެމްޓީއެމް ހިންގުމުގައި، ހާއްސަކޮށް ޕްލެޓްފޯމް ތަރައްޤީކުރުމުގައި، ކަސްޓަމަރުންނަށް ފުރިހަމަ، ފަސޭހައަދި ރަގަނޅު އަގެއްގައި ހިދުމަތް ދިނުމަށް ސަމާލުކަން ދީފައިވާކަމަށެވެ.

އައިއެމްޓީއެމް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް، ރާއްޖޭގައި ތިބެގެން ވިޔަފާރި ޕްރޮމޯޓްކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕްލެޓްފޯމެކެވެ.

ވިޒިޓް މޯލްޑިވްސްއިން އަންނަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓައި އެކި ވާޗުއަލް ފެއާތަކާއި މާކެޓިން ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.