ކޮވިޑްބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މަރުވި ކަމަށް ރެކޯޑްކުރެވުނު މީހުންގެ އަދަދު 5 މިލިއަނުން މައްޗަށް އަރައިފިއެވެ.

ކޮވިޑްބަލީގައި އެންމެ ގިނައިން މީހުން މަރުވެފައިވަނީ އެމެރިކާ، ބްރެޒިލް، އިނގިރޭސިވިލާތް އަދި ޔޫރަޕް ސަރަހައްދުންނެވެ.

އެމެރިކާއިން އެކަނިވެސް 740،000 އަށްވުރެ ގިނަ މީހުން މިބަލީގައި މަރުވެފައި ވެއެވެ.

މިހާތަނަށް މަރުވި މީހުންގެ އަދަދުތަކަށް ބަލާއިރު، ކޮވިޑްބަލި ވެގެންގޮސްފައި މިވަނީ، ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ ބައްޔަށެވެ. ދެން އެންމެ ގިނައިން މީހުން މަރުވަނީ ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހިގެންނެވެ.

ކޮވިޑްބަލި މުޅި ދުނިޔެއަށް ފެތުރިފައި ވާއިރު، މިބަލި ވެގެން ގޮސްފައިވަނީ ދުނިޔޭގެ ފަގީރު ގައުމުތަކުގެ އިތުރުން، މުއްސަނދި ގައުމުތަކަށްވެސް ކުރިމަރިވި ބޮޑު ގޮންޖެހުމަކަށެވެ. މުއްސަނދި އެތައް ގައުމެއްގެ ސިއްހީ ނިޒާމުވެސް ފުރިހަމަ ނޫންކަން ހާމަވެގެންދިޔަ ކަމަށެވެ.

ކޮވިޑްބަލީގައި ގައުމުތަކުން މަރުވިކަމަށް ރެކޯޑްކުރެވުނު މީހުންގެ އަދަދު ފަސް މިލިއަނަށްވުރެ މައްޗަށް އަރައިގެން ދިޔައިރު، މިއީ، މިބަލީގައި މަރުވި އަސްލު އަދަދުތައް ނޫންކަމަށް ކަމާބެހޭ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ސަބަބަކީ، ޚާއްސަކޮށް ފަގީރު ގައުމުތަކުގައި ކޮވިޑަށް އެކަށީގެންވާ ގޮތެއްގައި ޓެސްޓް ނުކުރެވުމާއި، އަދި ހޮސްޕިޓަލްތަކާ ހަމައަށް ނުގެންދެވި ގޭގައިވެސް އެތައްބަޔަކު މަރުވެފައި ވުމުންނެވެ.