ޖިންސީ ގޯނާތަކުގެ މައްސަލާގައި މިހާތަނަށް 30 މީހަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު ސްކޫލްގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލްތަކުގައި ހިނގާ އެފަދަ ހާދިސާތަކަކީ ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތައް ކަމަށާއި، އެ މައްސަލަ ސްކޫލަށް އެންގި ހިސާބުން ސްކޫލްގައި އެ މަގާމުގައި ތިބި ފަރާތްތައް ސަސްޕެންޑް ކުރެވުނު ކަމަށެވެ.

މިމައްސަލަ ފުލުހުން ބަލަމުންގެންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، މިފަދަ ކަންކަމަށް ސަމާލުވުމަށް ސްކޫލްތަކަށް އަންގާފައިވާނެކަމަށެވެ.

"އަޅުގަނޑުމެން ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލުތަކަކަށް ހެދުމަށްޓަކައި ވަރަށް ގިނަ މޭޝާސްތަކެއް ސްކޫލްތަކުގައި ނަގާފައި ވާނެ. ދެން އެކިއެކި ގާނޫނުތަކުގެ ތެރެއިންވެސް މިކަންކަން އަޅުގަނޑުމެންނަށް ލާޒިމްވޭ. ކޮންމެ ސްކޫލެއްގައިވެސް ހުންނާނެ އޮފިސަރއެއް ބަހައްޓާފަ. އެއީ މިކަހަލަ ކަމެއް ވާއިރަށް ވަގުތުން މިކަން އިންފޯމްކުރަން. އޭރަށް ވަގުތުން އަޅުގަނޑުމެންނަށް އެކްޝަން ނެގިގެންދާނެ."
އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ

ދަރިވަރުންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ ފުލުހުން ބަލާ މައްސަލަތަކެއް ނަމަވެސް މިކަމުގައި މިނިސްޓްރީންވެސް އެފަރާތްތަކާ ދެކޮޅަށް އިދާރީ ފިޔަވަޅު އަޅާ ކަމަށްވެސް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.

އެގޮތުން މިދައުރުގައި އެފަދަ 40 ހަކަށް މައްސަލަ ހުށައަޅާފައިވާކަމަށާއި، ތިރީހަަކަށް ފަރާތް ވަޒީފާއިން ވަކިކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އިތުރު މައްސަލަތައް ވެސް ބަލަމުންދާކަމަށާއި، އެގޮތުން 7 ވަރަކަށް މައްސަލަ އެބަ ބެލޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެމައްސަލަތައް ބަލާއިރު އެ ފަރާތްތައް ތިބޭނީ ސަސްޕެންޝަންގައި ކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.