ސިނާއީ އަދި އެނޫންވެސް ބޭނުންތަކަށް ޖަންގަލިތައް ހަލާކުކުރުން 2030 ވަނަ އަހަރުގެ ކުރިން މުޅިން ހުއްޓުމަކަށް ގެނެސް، ޖަލްގަލިތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނޭކަން ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުން ވައުދުވެއްޖެއެވެ.
ގައުމުތަކުން މިކަމަށް ވައުދު މިވިނީ، ސްކޮޓްލެންޑްގެ ގްލާޒްގޯގައި މިހާރު ކުރިއަށްދާ މޫސުމާބެހޭ އދގެ ސަމިޓަށް ގައުމުތަކުން ހުށަހެޅި ގުޅިފައިވާ ގަރާރުގައެވެ.
ހަމަ އެއާއެކު، ޖަންގަލިތައް ހިމާޔަތްކޮށް އިއާދަކުރަން ދުނިޔޭގެ ފަގީރު ގައުމުތަކުގެ ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓަރއަށް 19 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރަންވެސް މުއްސަނދި ގައުމުތަކުގެ ވެރިންވަނީ ސަމިޓްގައި ވައުދުވެވަޑައި ގެންފައެވެ.
މޫސުމާ ގުޅޭ ކަންކަމަށް ދުނިޔޭގެ މުއްސަނދި ގައުމުތަކުން ފަންޑުކުރުމަކީ ފަގީރު ގައުމުތަކުން މިފަހަރު އެންމެ ބޮޑަށް ވަކާލާތު ކުރަމުންދިޔަ މައްސަލައެވެ.
ދުނިޔޭގައި މިވަގުތު އެންމެ ބޮޑެތި ޖަންގަލިތައް ހިމެނޭ ގައުމުތަކުގެ ތެރޭގައި ބްރެޒިލް، ރަޝިޔާ، އިންޑޮނޭޝިޔާ އަދި ޑީއާރް ކޮންގޯ ހިމެނެއެވެ.
އެނޫންވެސް ގައުމުތަކުގެ ޖަންގަލިތައް ހިމާޔަތް ކުރުމުގެ މައްޗަށް އެކުލެވޭ ގުޅިފައިވާ ގަރާރެއް ކޮޕް26 ސަމިޓަށްވަނީ ހުށަހަޅާފައެވެ.
މި ގަރާރުގައި، ހިޔާޔަތްކޮށް ރައްކާތެރި ކުރުމަށް އެކަށައަޅާފައިވާ ޖަންގަލިތަކުގެ ބޮޑުމިނަކީ 33 މިލިއަން އަކަކިލޯ މީޓަރު ނުވަތަ 13 މިލިއަން އަކަ މޭލެވެ.
ގަރާރުގައި ކަނޑައަޅާފައިވާ މާލީ އެހީއަކީ، ޖަންގަލިތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ގައުމުތަކަށް އެހީތެރިވުމުގެ ގޮތުން ހިމަނާފައިވާ ފައިސާގެ އަދުތަކެވެ.
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގައި އެންމެބޮޑު މައްސަލައެއްގެ ގޮތުގައި ކަމާބެހޭ ފަރާތްތަކުން ފާހަގަކުރަނީ ޖައްވު ހޫނުވުމެވެ.
ޖައްވު ހޫނުވަނީ ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ނަތީޖާއެއްގެ ގޮތުންނެވެ.
އޭގެ ސަބަބުން ދުނިޔޭގައި ހުރި ގަނޑުފެންގަނޑުތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާއިރު، އޭގެ ނުރައްކާ ބިންތިރި ގައުމުތަކަށް ކުރިމަތިވެފައި ވެއެވެ.
ސައިންސްވެރިން ބުނާގޮތުގައި، ޖައްވަށް ބޭރުވާ ކާބަން ޑައިއޮކްސައިޑްގެ ގާތްގަނޑަކަށް ތިރީސް އިންސައްތަ ޖަންގަލިތަކަށް ދަމައިގަނެއެވެ. އޭގެ ނަތީޖާއެއްގެގޮތުން ވިހަގޭސްތައް ޖައްވަށް ބޭރުވުން މަދުވެ ޖައްވު ހޫނުވުން ކުޑަކޮށްދެއެވެ.
އެހެން ނަމަވެސް، ސިނާއީ ބޭނުންތަކަށް ޖަންގަލިތައް ކޮށައި ނައްތާލުމުގެ ސަބަބުން ވިހަގޭސް ބޭރުވުން މަދުކުރެވޭނެ މަގުތައް ދަނީ ބަންދުވަމުންނެވެ.
މިދިޔަ 2020 ވަނަ އަހަރު އެކަނިވެސް ދުނިޔޭގެ ޖަންގަލިތަކުން 258،000 އަކަ ކިލޯމީޓަރު ނައްތާލާފައިވާ ކަމަށް، ގްލޯބަލް ފޮރެސްޓް ވޮޗުން ބުނެފައި ވެއެވެ.