ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އާންމުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ކުރީސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވެންސްގެ ގޮތުގައި 192.94 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތު ކުރީސަފުގައި މަސައްކަތްކުރާ 13،105 މީހަކަށް އެލަވެންސް ދީފައިވެއެވެ.

އެލަވެންސް ދޭ ފަރާތްތަކުގެ ތެރޭގައި، ނަރުހުންނާއި، ޑޮކްޓަރުންނާއި، ލެބް ޓެކްނީޝަނުން އަދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ.

"ކޮވިޑް-19 ފްރަންޓް ލައިން އެލަވަންސް" ތައާރަފްކޮށްފައިވަނީ ކޮވިޑް ބަލިމަޑުކަމާއި ގުޅިގެން ފްރަންޓްލައިންގައި ކުރަމުންގެންދާ މަސައްކަތްތަކަށް ހިތްވަރުދިނުމުގެ ގޮތުން އެކި ރިސްކް ލެވެލްތަކަކަށް ބަހާލެވިގެންނެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، 13،105 މީހަކަށް އެލަވެންސް ދީފައިވީނަމަވެސް، އެލަވެންސް ދިނުމުގައި ބޮޑެތި ގޯސްތަކެއް ހުރިކަން ފާހަގަކުރެވި އެކަމުގެ ޝަކުވާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަނުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ސިޓީއެއް މިފަހުން ވަނީ ފޮނުވާފައެވެ.

ސިޓީގައި ވަނީ، އެލަވަންސް އާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރި އަދި ކުރަމުންދާ ފަރާތްތަކުގެ ކަންބޮޑުވުންތައް، ޔޫނިއަންއަށް ލިބެމުންދާ ކަމަށާއި އެގޮތުން އެލަވަންސް ދިނުމުގައި ހަމަހަމަކަން ނެތުމާއި، މަސައްކަތް ކޮށްފައިވާ މުއްދަތާއި ނިސްބަތްވާވަރުގެ އަދަދެއް އެލަވަންސްގެ ގޮތުގައި ނުލިބުމުން އަދި އެއްވެސް ވަރަކަށް އެލަވަންސް ނުލިބުމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

މީގެ ތެރޭގައި އޮޕަރޭޝަންސްގެ އެންމެ ކުރީކޮޅު، އެކިއެކި ފެސިލިޓީ އަދި ސެންޓަރުތަކުގައި ހަރަކާތްތެރިވެފައިވާ ބައެއް ފަރާތްތަކަށް، މިވަގުތާއި ޖެހެންދެންވެސް، އެލަވަންސް ލިބިފައިނު ވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ޕޭމަންޓްގެ ތަފްސީލު ހިމެނޭ ސްލިޕް ލިބިފައިނުވާކަން ފާހަގަކޮށް ޔޫނިއަނުން ބުނީ ރިސްކްކްލެސިފައި ކުރުމުގައި، ކޮމިޓީން ނިންމާފައިވާ ގޮތުގެ ތަފްސީލުތައް ލިބިފައި ނުވުމުގެ ސަބަބުން، އެލަވަންސްއާއި ގުޅިގެން ޝަކުވާ ހުށައަޅައި، މިކަންކަން ހައްލުކުރުމަށްވަނީ އުދަގޫތަކާއި ކުރިމަތިވެފައި ކަމަށެވެ.

އެހެންކަމަުން އެލަވަންސް ދެވުނުގޮތުގެ ތަފްސީލް ހިމެނޭ ސްލިޕްތައް، އެލަވަންސް ލިބުނު ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދެއްވުމަށް ޔޫނިއަނުން ވަނީ ފިނޭންސް މިނިސްޓަރު އަރިހުގައި އެދިފައެވެ