މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގެ ނަމުގައި ދިވެހިރާއްޖޭގައި އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ބާއްވާ އެންމެ ބޮޑު މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމަކީ އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން ޕްރޮމޯޓްކުރުމަށާއި ޕްރޮފެޝަން ކުރިއެރުވުމުގެ މަޤްސަދުގައި 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މަހާސިންތާއެކެވެ.

ކޮންމެ އަހަރަކުވެސް ތަފާތު ތީމަކަށް ބާއްވަމުން އަންނަ މި ފޯރަމްގެ މި އަހަރުގެ ތީމަކީ "ރެޑިނަސް މައިންޑްސެޓް: ސްޓްރައިވިންގ ފޮރ އެކްސެލެންސް" އެވެ.

މި ފޯރަމްގައި މި ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނާއި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެއެވެ. މިފެށޭ ނޮވެމްބަރު މަހުގެ 15 ން 17 އަށް ބާއްވާ މި ފޯރަމް މިއަހަރު އިންތިޒާމްކޮށް ކުރިއަށް ގެންދަނީ އިންސްޓްޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގެ ފަރާތުންނެވެ.

ވޭތުވެދިޔަ އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުގެ ފޯރަމްގައިވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކައުންޓިންގ ދާއިރާގެ ފުންނާބުއުސް ބޭފުޅުން ހިމެނޭގޮތަށް ޓެކްނިކަލް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ.

މި ސެޝަންތަކަކީ ސީއޭ މޯލްޑިވްސްގެ 'ވެރިފަޔަބަލް ސީ.ޕީ.ޑީ' ސެޝަންތަކެއްކަމަށާއި އިންސްޓިޓިއުޓްގެ ވީހާވެސް ގިނަ މެމްބަރުން މި ސެޝަންތަކުގައި ބައިވެރިވުމަށް އެއިންސްޓިޓިއުޓްގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

ފޯރަމްގައި ރަޖިސްޓަރ ކުރުމުގެ މުއްދަތު ހަމަވާނީ 8 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 15:00 އަށެވެ.

ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރެއްވޭނީ https://accountantsforum.camaldives.org/ މި ލިންކުންނެވެ.