ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހް އަމާންކަމާއި ހަމަޖެހުމާއެކު އޮންނަން ބޭނުންފުޅުވާނެ އެއް ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ކަމަށް އެޕާޓީގެ އިސް ތަރުޖަމާނު އަލީ ސާލިހް ވިދާޅުވެއްޖެއެވެ.

އަލީ ސާލިހް މިހެން ވިދާޅުވީ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

އަލީ ސާލިހް ވިދާޅުވީ، ރާއްޖޭގައި މިހާރު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ރާއްޖޭގެ ހަމަޖެހުމާއި އިގްތިސާދަށް ލޮޅުން އަރައިގެން ހިނގައްޖެނަމަ އެންމެ ބޮޑު ގެއްލުމާއި ކުރިމަތިލާން ޖެހިވަޑައިގަންނަވާނެ އެއް ބޭފުޅަކީ ގާސިމް އިބްރާހީމް ކަމަށެވެ.

އަދި އެމަނިކުފާނަކީ އަމިއްލަ ފަސްގަނޑުގައި، އަމިއްލަ ވަޒަނުގައި އިންވެސްޓްކޮށްގެން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވެސް އަލީ ސާލިހް ވިދާޅުވިއެވެ.

އަޅުގަނޑު ދާދިފަހުން މާމިގިއްޔަށް ކުރި ދަތުރުގައިވެސް އަޅުގަނޑަށް ފެނިގެން ދިޔައީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ލިބިގެންދާނަޖެހޭ ވަސީލަތައް. ދިވެހިރާއްޖޭގެ އެހެން އެއާޕޯޓް ތަކާއި އަޅާ ބަލާއިރު، ނަމޫނާ އެއާޕޯޓެއް. ރާއްޖޭގެ ހަލަބޮލިކަމުގެ ތެރޭގައި، ގެސްޓުން އައުމާ މިކަންކަން މަޑުޖެހިއްޖެ ހާލަތެއްގައި ކާކައްތޯ ގެއްލުން ވާނީ.
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސާލިހް

އަލީ ސާލީހް ވިދާޅުވީ މިގައުމުގެ ހަމަޖެހުމަށް އެންމެ ބޮޑަށް ލޯބިކުރައްވާނެ އެއް ބޭފުޅަކީވެސް ގާސިމް އިބްރާހީމް ކަމަށެވެ.

އަދި، ފާޅުގައި ކުރިމަތިން ފެންނަން ނެތް ކަމުގައި ވީނަމަވެސް، ރާއްޖޭގެ މަސްރަހު އަމާންކަމާއި ފިނިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެކި ގޮތްގޮތުން އެމަސައްކަތުގައި ދާއިމަށް ހުންނަވާނެ އެއް ބޭފުޅަކީވެސް ގާސިމް އިބްރާހީމް ކަމަށް އަލީ ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރު ތެރެއިންވެސް ކަމެއް ގޯސްކޮށް ހިނގައިފިނަމަ އެމަނިކުފާނު ބަސްބުނަން ޖެހިވަޑައިގަންނަވާ ހިސާބުން ފަސްޖެހުމެއްނެތި އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަދި، އެހެން ސިޔާސީ ޕާޓީތަކަށް އެޕާޓީތަކުގެ އަމާޒު ސާފުވެފައި ނެތްނަމަވެސް، ޖުމްހޫރީ ޕާޓީގެ އަމާޒަކީ ކޮބައިކަން ވަރަށް ސާފު ކަމަށް އަލީ ސާލިހް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އިނގޭ އަޅުގަނޑުމެން ކުރަން މިއުޅެނީ ކީއްކަން. އަދި އެހެން ޕާޓީތަކަށް އެމީހުންގެ އަމާޒު ސާފު ނުވިޔަސް ޖުމްހޫރީ ޕާޓީގެ އަމާޒު ވަރަށް ސާފު.
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސާލިހް

ޖޭޕީން ކޯލަޝަނެއް ތެރޭގައި ތިންއަހަރު ހޭދަކުރަމުން ގެންދާކަން ފާހަގަކުރައްވާ އަލީ ސޯލިހް ވިދާޅުވީ، ޖޭޕީއަކީ އަބަދުވެސް ޖުމްހޫރީ ރޫހުގައި އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެގޮތުގައި ކުރިއަށްދާނެ ކަމަށެވެ.