ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު ވަޒީރުކަމުގައި ހުންނެވިއިރު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނެ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލި ދައުވާއަކީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގުން ނިންމުމާ ގުޅިގެން ކޮށްފައިވާ ދައުވާއެކެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އަޅައި އޭގެތެރެއިން ހަބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭގޮތަށް ޕްރޮޕޯސަލްގައި އޮއްވާ ދައުލަތަށް ތިންބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތްބުރި ލިބޭގޮތަށް އެއްބަސްވުން ހަދާފައި ވީނަމަވެސް، އެއްބަސްވުމުގައި ހައެއްގެ ބަދަލުގައި ހަތެއް އޮތީ ލިޔުމުގެ ކުށަކުން ކަމަށް ޑރ. ޒިޔާދުގެ ފަރާތްޕުޅުން ކޯޓުގައި ވަނީ ވިދާޅުވެފައެވެ.
ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޟީ މުހައްމަދު މިސްބާހު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ އެކި ސެކްޝަންތަކުން ފާސްވެގެން، ފިނޭންސް މިނިސްޓްރީގެ އެޕްރޫވަލް ލިބިގެން އައި އެއްބަސްވުމެއްގައި ކުށް އިބާރާތެއް އޮއްވައި، ސޮއިކުރެއްވުމަކީ ޑރ. ޒިޔާދުގެ ޒިންމާދާރުކަން ކުޑަކަން ރަމްޒުކޮށްދޭ ކަމެއް ނޫން ކަމަށެވެ.
އަދި، ފިނޭންސް މިނިސްޓްރީގެ ހާއްސަ ހުއްދައިގެ ދަށުން ސޮއިކޮށްފައިވާ މިއެއްބަސްވުމަށް ގާނޫނީ ލަފާ ހޯދަން ޖެހުމަކީ އިސްލާމިކް މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށާއި، ފިނޭންސް މިނިސްޓްރީގެ ހުއްދައާ ނުލައި އެއްބަސްވުން ވުޖޫދަށް ނުގެނެވޭނެއިރު، އެޒިންމާ މަތިކުރެވިފައިވަނީ ފިނޭންސް މިނިސްޓަރީއަށް ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށްވެސް ގާޟީ ވިދާޅުވިއެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާއިރު، އެހެން މީހަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކުރިކަމަށް ބެލޭނެ އެއްވެސް އުންސުރެއް ނޯންނާނެ ކަމަށް ގާޟީ އިއްވި ހުކުމްގައި ވެއެވެ.
އެހެންކަމުން އެމައްސަލައާ ގުޅިގެން ޑރ. ޒިޔާދުގެ އިތުރުން، އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯސްމަންޓް ސެކްޝަންގެ ވެރިޔާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާވެސް ސާބިތު ނުވާކަމަށް ވަނީ ހުކުމްކޮށްފައެވެ.