ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލާފައިވަނީ ހައްޔަރު ކޮށްފައި ބެހެއްޓުމުގެ އުންސުރު ހަމަނުވާތީ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރާ މީހަކު ބަންދުގައި ބެހެއްޓޭނީ 24 ގަޑިއިރަށް ކަމަށް ވާއިރު، އިތުރަށް ބަންދުގައި ބެހެއްޓޭނީ ކޯޓުން ނިންމުމުންނެވެ. ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރުމަށް އޭނާ ކޯޓަށް ހާޒިރުކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، މައްސަލައިގައި މިހާތަނަށް ހުށަހެޅުނު ލިޔުންތަކާއި، ލިބިފައިވާ މައުލޫމާތުތަކާއި ވަށައިގެންވާ އެންމެހާ ކަންކަމަށް ރިއާޔަތްކޮށް ބެލިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެދަށުން އެ އަންހެންމީހާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް މިވަގުތު އޮތްކަމަށް ނުފެންނަ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބަހައްޓަން ޖެހޭކަމަށް ނުފެންނަ ކަމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ އެމީހާ ދޫކޮށްލައިފައިވާ ކަމަށާއި، އޭނާ ދޫކޮށްލި ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވަނީ ކުއްޖަ ފާހާނާއަށް ދިޔަ ވަގުތު އެ ސްކޫލުގައި މަސައްކަތްކުރާ މަސައްކަތު މީހެކެވެ.

އެކަމާ ގުޅޭގޮތުން ގަލޮޅު ސްކޫލުން މިހާރުވަނީ އެސްކޫލްގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ވަޒީފާގެ މައްސޫލިޔަތުން އެކަހެރި ކޮށްފައެވެ. ކުދިން ފާހާނާއަށް ދަނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުންނެވެ.

މިމައްސަލައާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، މައްސަލައިގެ ފުރިހަމަ ތަހްގީގެއް ހިންގައި، އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ މަޖިލީހަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.

އަދި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޑިއުކޭޝަން މިނިސްޓަރ ހާޒިރުކޮށްފައިވާއިރު، ގަލޮޅު ސްކޫލްގައި ހިނގާދިޔަ ހާދިސާއާ ގުޅިގެން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، ޖިންސީ ގޯނާތަކުގެ މައްސަލާގައި މިހާތަނަށް 30 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، ސްކޫލްތަކުގައި ހިނގާ އެފަދަ ހާދިސާތަކަކީ ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތަކެއް ކަމަށާއި، އެމައްސަލަތަކަކީ ފުލުހުން ބަލާ މައްސަލަތަކެއް ނަމަވެސް މިކަމުގައި މިނިސްޓްރީންވެސް އެފަރާތްތަކާ ދެކޮޅަށް އިދާރީ ފިޔަވަޅު އަޅާ ކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވިއެވެ.