ނަސްރުގެ ދުވަސް ދިވެހިންނަށް ހަނދާން އައު ކޮށްދެނީ ގައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމުކަން ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚިޠާބު ގައެވެ.

ރައީސް ވިދާޅުވީ، މިދުވަސް ހަނދާން އައުކޮށްދެނީ ގައުމީ މަސްލަހަތު ދެމަހައްޓާ އަމިއްލަ އެދުމުގެ ކުރިޔަށް ގައުމީ މަސްލަހަތާއި ދީނާއި ގައުމުގެ ނެރުމުގެ މުހިންމުކަން ކަމަށެވެ.

ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ތަފާތުވަމުންދިޔަ ނަމަވެސް، ރައްޔިތުން އެއް އަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބާއި ނަސްރު ލިބޭނެކަމީ ކަށަވަރު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި ނަސްރުގެ ދުވަސް ފާހަގަކުރަނީ ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ގުރުބާނީއެއްގެ ހަނދާންތައް އާކޮށްދެމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން، މި ޤައުމުގައި އާލާވެ އިތުރުވަމުން ދާންޖެހޭ. ޝަހީދު ކޯޕްރަލް ހުސައިން އާދަމާއި، ނޮވެމްބަރު ތިނެއްގައި ޝަހީދުވެދިޔަ ގައުމީ ބަޠަލުން އެ ސާބިތުކޮށްދެއްވީ އެކަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

މިއަދު ރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ގައުމީ ދިދަ ވިހުރެމުން އެދަނީ، އެދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށާއި، އެ ބޭފުޅުން އެދުވަހު މި ގައުމަށް ދެއްކެވި ގައުމީ ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިންވެސް، ނަމޫނާއެއްގެ ގޮތުގައި ދެކި އެބޭފުޅުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެއް ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

ރައީސް ވަނީ 1988 ވަނަ އަހަރުގެ ނޮވެމަބަރު މަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ވަގުތުގައި އަވައްޓެރި ގައުމުތަކުން ފޯރުކޮށްދިން އެހީ ފާހަގަކުރައްވާފައެވެ.

ހާއްސަކޮށް، އަވަށްޓެރި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން އަސްކަރީ އަވަސް އެހީގެ މަތީން ހަނދާންކޮށް، އެ ގައުމުގެ އެކުވެރި ރައްޔިތުންނަށާއި ސަރުކާރަށް ހައްގު ޝުކުރު އަދާކުރަން ޖެހޭ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް

ރައީސް ވިދާޅުވީ އެދުވަހު ބައިނަލްއަގްވާމީ ދުނިޔެ ރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެއް ކަމަށެވެ.