އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ/ބަޔޯއެންޓެކްގެ ކޮވިޑް ވެކްސިން ދިނުމަށް އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން އެގައުމުގެ ކަމާބެހޭ އިދާރާތަކަށް ލަފާދީފިއެވެ.
ސީޑީސީން ދިން ލަފާގެދަށުން، މާދަމާއިން ފެށިގެންވެސް ކުޑަކުދިންނަށް މިވެކްސިން ޖަހަން ފެށިދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ/ބަޔޯއެންޓެކްގެ ކޮވިޑް ވެކްސިން ދިނުމާމެދު ކުރެވުނު މަޝްވަރާތަކުގައި ބައިވެރިވެވަޑައި ގެންނެވި ހުރިހާ ވެކްސިން އެކްސްޕާޓުންވަނީ، ކުޑަކުދިންނަށް މި ވެކްސިން ދިނުމަށް ތާއީދު ކުރައްވާފައެވެ.
އެކްސްޕާޓުން ވިދާޅުވެފައިވަނީ، ފައިޒަރ/ބަޔޯއެންޓެކް ވެކްސިންގެ ރިސްކަށްވުރެ އޭގެން ލިބޭ ފައިދާ ބޮޑުކަމަށެވެ.
ސީޑީސީގެ އެކްސްޕާޓުން ބޭއްވި މަޝްވަރާތަކުގައި، ފައިޒަރ/ބަޔޯއެންޓެކް ކޮވިޑް ވެކްސިން ޖަހާ ބައެއް މީހުންނަށް، ޚާއްސަކޮށް ޒުވާނުންނަށް ނާދިރު ފަހަރުތަކެއްގައި ދިމާވާކަމަށް ރިޕޯޓްކޮށްފައިވާ ހިތުގެ މައްސަލަތަކަށް ވަރަށް ބޮޑަށް އަލިއަޅުވާލައްވާފައި ވެއެވެ. އަދި އެފަދަ ކޭސްތައް ރިވިއުކޮށްފައި ވެއެވެ.
އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ/ބަޔޯއެންޓެކްގެ ކޮވިޑް ވެކްސިން ދިނުމަށް ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ އެކްސްޕާޓުން ރެކޮމެންޑް ކުރިއިރު، މި ވެކްސިން އެ އުމުރުގެ ކުދިންނަށް ދިނުމަށް އެމެރިކާގެ ފޫޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން މިދިޔަ ހުކުރު ދުވަހުވަނީ އިމަޖެންސީ ހުއްދަވެސް ދީފައެވެ.
ރޮޝޭލް ވަލެންސްކީ ވިދާޅުވީ، ތަފާތު އެހެން ބަލިތަކަށްވުރެ ކޮވިޑްގެ ސަބަބުން ކުޑަކުދިންނަށް އޮތް ރިސްކް އެތައްގުނަ ބޮޑުކަމަށެވެ. އެހެންވެ، ކުޑަކުދިންނަށް ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ކޮވިޑް ބަލިމަޑުކަމާހެދި ސްކޫލްތައް ބަންދުކުރަން ޖެހުމުން ކުޑަކުދިންނަށް އިޖުތިމާއީ އަދި ނަފްސާނީ ސިއްހަތުގެ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ފައިޒަރ ވެކްސިން ޖެހުމަށް ލިބުނު ހުއްދައާއެކު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ، މިއީ، ކޮވިޑާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.