މިއަދަކީ ތާރީޙުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމަންއަމާންކަން ނަގާލަން ދިވެހީންގެ ތެރެއިން ބަޔަކު އަޑީގައި ތިބެ ބޭރުގެ ކުލީ ޓެރަރިސްޓުންގެ ބަޔަކާއި ގުޅިގެން ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކޮށް، ދިވެހި ސިފައިން ރާއްޖެއަށް ނަސްރު ހޯދައިދިން ދުވަހެވެ. އަޅުގަނޑުމެން ފާހަގަކުރާ ދިވެހީންގެ ފަޚުރުވެރި ނަސްރުގެ ދުވަހެވެ.
އެ ހާދިސާއަށް މިއަދު 33 އަހަރު ފުރިގެން ދާއިރު، އެދުވަހުގެ އުދުވާނީ ހަމަލާއަކީ ދިވެހީންގެ ހިތްތަކުނެ ދުވަހަކުވެސް ފިލައިގެން ނުދާނެ ހިތްދަތި ދުވަހެކެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ދުވަހުގެ ފަތިހު ރާއްޖެއަށް ދިމާވި އެންމެ ބޮޑު ނުރައްކަލަކީ ގައުމަށް ޚިޔާނާތްތެރި ޚާއިނުންތަކެއް އަވަށްޓެރި ސްރީލަންކާގެ ތަމަޅަ ބާޣީ ގްރޫޕެއްގެ އެހީގައި ރާއްޖެއަށް ހަމަލާދީ ރާއްޖޭގެ އަމަން އަމާންކަން ނިގުޅައިގަންނަން ކުރި މަސައްކަތެވެ.
އެ ނުރައްކާތެރި ހަމަލާގައި، ކުށެއްނެތް އެތައް އާންމުންނެއް ޒަޚަމްވިއިރު ގައުމާއި ރައްޔިތުންނަށްޓަކައި މިގައުމު ދިފާޢުކުރަން ތިބި ސިފައިންގެ ފުރާނަވެސް ދިޔައެވެ. ބާޣީންގެ ހަމަލާތަކުގެ ޝިކާރައަކަށްވެ ޝަހީދުވި 8 ސިފައިންނާއި އާންމުންގެ 11 މީހުންނާއެކު ޖުމްލަ 19 މީހުން އެ އުދުވާނީ ހަމަލާގައި ޝަހީދުކޮށްލާފައި ވެއެވެ.
އެދުވަހު ގައުމަށްޓަކައި ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ފުރާނައިން ގުރުބާންވެވަޑައިގެންނެވި ޝަހީދު ހުސައިން އާދަމަކީ މުޅި ގައުމު ފަޚުރުވެރިވާ ދަރިއެކެވެ. ޝަހީދު ހުސައިން އާދަމް އެދުވަހު ވެވަޑައިގެންނެވި ގުރުބާނީގެ ސަބަބުން ދުޝަމަނުންގެ ރޭވުން ނާކާމިޔާބު ވެގެންދިޔައެވެ.
އެދުވަހުގެ ހަމަލާއާއި ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ރާއްޖެ ދިފާއުކުރެއްވުމަށްޓަކައި ބޭރުގެ ގައުމުތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. އެދުވަހު ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ގައުމަކަށް އެންމެ ފާހަގަކޮށްލެވެނީ އަވައްޓެރި އިންޑިއާއެވެ.
އެގޮތުން، ކުލީ ސިފައިން ރާއްޖެއަށް ހަމަލާ ދޭންފެށިތާ 17 ވަރަކަށް ގަޑިއިރު ތެރޭ ކަނޑާއި ވައިގެމަގުން އިންޑިއާ ސިފައިން ރާއްޖެއައިސް ހަރަކާތްތެރިވާން ފެށިއެވެ.
ގައުމަށްޓަކައި ފުރާނައިން ގުރުބާންވި، ސިފައިންގެ ގުރްބާނީ އާއި ހިތްވަރުން އަދި ދިވެހި ރައްޔިތުން އެދުވަހު ދައްކައިދިން އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސަބަބުން ދިވެހިންނަށް ނަސްރު ލިބުނެވެ.
މިއަދު ފާހަގަކުރަމުން މިދަނީ އެ ނަސްރު ލިބުނު ދުވަހެވެ. އެދުވަހު އެތައް ފުރާނައެއް އަޅުގަނޑުމެންނާއި ވަކިވެގެން ދިޔައިރު، އެ އަބްޠާލުން ވަނީ މި ދިވެހި ގައުމުގައިވާ މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކޮށްދީފައެވެ. މި ވަޠަންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ފުރާނަ ޤުރުބާންކޮށްފައެވެ.
ނަސްރުގެ ދުވަހު މިޤައުމަށް ދިމާވި އުދުވާނީ ހަމަލާއާއި އޭގެކުރިން މި ކުޑަކުޑަ ރާއްޖެ އަޅުވެތިވި ޕޯޗުގީޒުންނާއި މަލާބާރީންފަދަ އިސްތިއުމާރީ ބާރުތަކުން ދީފައިވާ ހަމަލާތަކަކީ މިއަދު އެކަންކަމުން ޢިބްރަތް ހާސިލް ކުރަންޖެހޭ ހާދިސާތަކެކެވެ.
މިފަދަ ބިރުވެރި ހާދިސާތަކުން، އިބުރަތް ލިބިގަނެ، ބޭރު ގައުމުތަކުގެ އަތްދަށަށް މި ގައުމު ނުގޮސް މިނިވަންކަން މަތީ ދެމިއޮތުމަށާއި އިސްލާމްދީން ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ އެންމެންގެ ޒިންމާއެކެވެ.
ބަޔަކު ވަރަށް ބިރުން މިދުވަސް އަންނާތީ ހީކަރުވާ ކަހަލަ.ހަމަ ގައިމުވެސް މިހާރު މިދުވަސް ރާއްޖޭގައި އެއްވެސް ސިފައެއްގައި ފާހަގަ ނުކުރާނެކަން މިއީ ކަށަވަރު ކަމެއް. މީގެން ވަރަށް ބޮޑުކަމެއް އަހަރެމެންނަށް ފާހަގަ ވޭ. މިދުވަސް ފާހަގަ ކުރިއަސް ނުކުރިއަށް ހަގީގަތެއް އޮޅުވައެއްވެސް ނުލެވޭނެ. އަހަރެމެން މިކަމަކަށް މި ޚާއިނުންނަށް މަޢާފެއްވެސް ނުކުރާނަން
އެއްމެ އަޖައިބުވާ ކަމަކީ މިއޮށްފަދަ ދުވަހު ގައުމީ ޓީވީން މިކަމާއި ގުޅުންހުރި ޕްރޮގްރާމް ގަނޑެއް ނުވަތަ މީހަކަު އަރާ އެއްމެ ކުޑަމިނުން މިކަމާއި ގުޅޭ ކަމެއްގައި އަނގައިން ބުނާތަންވެސް ވެސް ނުފެނުނު. ހިތާމައިގެ ކޮޅެއްނެތް. ކޮންމެ ގޮތެއްވިޔަސް ރާއްޖޭގެ އެތައް ބައެއްގެ ފުރާނަ ގޮސްފައިވާ މިނުރައްކާތެރި ދުވަހުގެ ހަނދާންތައް އަހަރެމެންގެ ހިތަކުން ނުފިލާނެ.
މިއަދު މީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަދާފަ އޮތެއްކަމަކު މިދުވަހުގެ އިހުސާސް ރާއްޖޭގެ ރައްޔިތުންނަށް ވިޔަ ނުދިނުމަށް އުޅޭ މަންޒަރު ވަރަށް ފެންނަ ކަހަލަ
މިއަދު ވިސްނާލަން ޖެހޭ އެއްކަމަކީ މި ގައުމަށް ގައްދާރުވި އެތައްބަޔަކު މިދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށްވެސް ހުރަސްއަޅާ އެކަން ފޮރުވާ މީ ނުވާކަމެއްގެ ގޮތުގައި ހަދަމުންދާކަން.