ރާއްޖޭގެ އިސްތިގުލާލް ގެއްލި ބޭރު ބައެއްގެ އުނގަށް ވެއްޓިފައިވާ ކަމަށާއި، މިއަދު ކަންތައްތައް ވަމުންދާ ގޮތާއިމެދު ވިސްނާ ފިކުރުކޮށް، ގައުމު އަނބުރާ ހޯދުމަށް ނުކުތުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި އިދިކޮޅުން ބުނެފައިވަނީ މިއަދު ރާއްޖޭގެ އިސްތިގުލާލު ނަގާލަން މަސައްކަތް ކުރަނީ ނޮވެމްބަރު ތިނެއްގައި ރާއްޖެ ހިފަން އުޅުނު ގޮތަކަށް ނޫން ކަމަށާއި، މިއަދު މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުން ވާނެ އެތައް ކަމަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ހަރު މުދާ ވިއްކުމާއި އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން އެއްބަސްވަމުންދާކަން ފާހަގަކޮށް، ބަޔާނުގައި ބުނެފައިވަނީ އެ ދަންތުރަތަކާއެކު އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ވަޒަންވެރިވެ ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ގެންދިއުން ފަދަ އެތައް ކަމަކުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ހިތަށްވެސް ގެންނާން ނޭނގޭ ފަދަ ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށެވެ.

މީގެއިތުރުން، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު މިގައުމު ޚާއިނުންގެ ބައެއްގެ އަތްދަށަށް ދިޔުމުގައި ހުރަހެއްގެ ގޮތުގައި މާތްﷲ މިންވަރު ކުރެއްވި ބަޔަކީ މާތްވެގެންވާ އިސްލާމް ދީނާއި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ފުރާނައިން ގުރުބާންވުމަށް އަޒުމް ކަނޑައަޅައިގެން ތިބި ހިތްވަރުގަދަ ކެރޭ ދިވެހި ސިފައިންގެ ލަޝްކަރެއްކަން ފާހަގަކުރައްވާ އިދިކޮޅުން ދިވެހި ސިފައިން ދެއްކެވި ހިތްވަރަށް ތައުރީފު ކުރައްވާފައިވެއެވެ.

އިދިކޮޅުން ބުނީ، މިހާރުން މިހާރަށް ދިވެހި ރައްޔިތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ ދިވެހި ގައުމު ދިވެހީންނަށް އަތުވުމަކީ ނާދިރުކަމެއް ކަމަށެވެ.

އިދިކޮޅުން ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގައްޔާއި، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕާއި ޖޮއިންޓް ކައުންސިލާއި ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުންގެ ފަރާތްޕުޅުން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.