ނ. މާފަރު ކައުންސިލާއި ޕެސްޓްއެކްސް ގުޅިގެން ހިންގި ދަނޑުވެރިކަމުގެ ވޯކްޝޮޕް ނިންމާލައިފިއެވެ.
އޮކްޓޯބަރ 27 އިން ފެށިގެން 31 އޮކްޓޯބަރ އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ގައި ޖުމްލަ 43 ބައިވެރިން ވަނީ ބައިވެރިވެފައެވެ.
ވޯކްޝޮޕް ނިންމުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާނު ވިދާޅުވީ މި ވޯކްޝޮޕްގެ އިތުރުންވެސް މިވަގުތު މާފަރުގައި ތިބި ދަނޑުވެރިން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ކުރިޔަށްދާކަމަށެވެ. މި ޕްރޮގްރާމް ކުރިޔަށްގެންދިއުމުގައި ޕެސްޓްއެކްސްން ދެށްވާ އެހީތެރިކަމަށް އަދުނާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދުނާނު ވިދާޅުވީ މިފަދަ ޕްރޮގްރާމެއް މާފަރުގައި ކުރިއަށް ގެންދެވުމަކީ، ނުހަނު އުފާވާ ކަމެއް ކަމަށާއި، މި ޕްރޮގްރާމުގެ ތެރެއިން، ވަރަށް ގިނަ އެއްޗެހި ކޯހުގެ ބައިވެރިންނަށް ދަސްވެގެން ދިޔަކަމަށް އުއްމީދު ކުރައްވާކަމަށެވެ.
މި ޕްރޮގްރާމުގެ ތެރެއިން، މޮޅު ދަނޑުވެރިންތަކެއް އުފެދިގެން ދާނެކަމަށް އަދުނާން ވިދާޅުވިއެވެ.
މި ފުރުސަތު ކައުންސިލަށް ފަހިކޮށްދެއްވި ކަމަށްޓަކައި، ޕެސްޓްއެކްސްގެ އިސްވެރިންނަށް އަދި ހާއްސަކޮށް، އެ ކުންފުނީގެ މެނޭޖަރު މުހައްމަދު ރަމްޒީ އަށާއި، އެ ކުންފުނީގެ އެގްރިކަލްޗާރ ޕްރޮޑަކްޓްސް މެނޭޖަރު މުހައްމަދު އަސްލަމަށް ވަރަށް ބޮޑަށް ޝުކުރު ދަންނެވިއެވެ.
މި ވޯކްޝޮޕްގެ ބައިވެރިވި ހުރިހާ ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.