ރާއްޖޭން 219 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 4،069 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓިވްވީ 219 ސާމްޕަލް ކަމަށެވެ.
ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 1،291 ސާމްޕަލްއަކީ ގްރޭޓަރ މާލެ ސަރަހައްދުން ޓެސްޓު ކުރެވުނު ސާމްޕަލްއެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 29 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 173 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 17 މީހަކު ނިސްބަތްވަނީ ރިސޯޓްތަކަށެވެ.
އަލަށް ޕޮޒިޓިވްވި 219 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 88،277 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 98 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 86،040 އަށް އަރާފައެވެ.
އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 1،981 ގައެވެ. މީގެތެރެއިން 33 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ގެންދަނީ ފަރުވާދެމުންނެވެ.