3 ނޮވެމްބަރުގެ ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ދިވެހީންނަކީ ބާޣީން ކަމަށް ދަރިވަރުންނަށް ކިޔައިނުދޭން އަންގާފައިނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަނުން މިހެން ބުނެފައިވަނީ 3 ނޮވެމްބަރުގެ ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ދިވެހީންނަކީ ބާޣީން ކަމަށް ދަރިވަރުންނަށް ކިޔައިނުދޭން އެ މިނިސްޓްރީން ސްކޫލްތަކަށް އަންގާފައިވާ ކަމަށްބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅޭގޮތުން އެޑިއުކޭޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެ ވާހަކަތަކަކީ އެއްވެސް އަސްލެއްނެތް ދޮގު ވާހަކަތަކެއް ކަމަށާއި، ގައުމީ ގޮތުން ފާހަގަކުރެވޭ އެފަދަ ދުވަސްތަކުގައި ދަރިވަރުންނާ ގުޅުވާ ސިޔާސީ މަންފާ ހޯދުން މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ބައެއް މީޑިއާތަކުން އެފަދައިން ރިޕޯޓްކޮށްފައިވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން(ސީއެޗްއެސްއީ) ގެ ޓީޗަރުންނާ ހަވާލާދީއެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ގްރޫޕްގައި އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސީއެޗްއެސްސީއަށް ގުޅައިގެން އެކަން ބަލާފައިވާ ކަމަށާއި، އެކަހަލަ ކަމެއް ހިނގާފައިނުވާ ކަމަށެވެ.

މީޑިއާ އަކުން އެކަން ހިނގާފައިވަނީ ސީއެޗްއެސްސީގައި ކަމުގައި ވިދާޅުވުމުން ސީއެޗްއެސްސީއަށް ގުޅައިގެން އެކަން މިނިސްޓްރީން ބެލި. މިކަހަލަ ކަމެއް ސީއެޗްއެސްސީގައ ވެސް އަދި އެހެން ސްކޫލެއްގަވެސް ނުހިނގާ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް

ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.

އެ ދުވަހުގެ އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި 11 އާންމުން ހިމެނޭހެން 19 ދިވެއްސަކު ޝަހީދުވިއެވެ.