އިންޑިއާގެ ބާރަތު ބަޔޯޓެކުން ތަރައްގީކޮށް އުފެއްދި ކޮވިޑް ވެކްސިން "ކޮވެކްސިން" ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިމަޖެންސީ ވެކްސިންތަކުގެ ލިސްޓުގައި ހިމަނައިފިއެވެ.

މިއީ، ވެކްސިން ތަރައްގީ ކުރުމުގެ ހުރިހާ މަސައްކަތަކާއި، ވެކްސިން އުފެއްދުމުގެ ހުރިހާ ކަމެއްވެސް އިންޑިއާގައިކޮށް، އިމަޖެންސީ ބޭނުންތަކުގައި ބޭނުންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އެޕްރޫވަލް ލިބުނު އިންޑިއާގެ ފުރަތަމަ ވެކްސިނެވެ.

ކޮވެކްސިން ތަރައްގީކޮށްފައިވަނީ ބާރަތު ބަޔޯޓެކާއި، އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް ގުޅިގެންނެވެ.

ކޮވެކްސިން ރިވިއުކުރުމަށްފަހު ޑަބްލިޔޫއެޗްއޯގެ ވެކްސިން އެކްސްޕާޓުން ހިމެނޭ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕުން މިދިޔަމަހު ބުނެފައިވަނީ، އިންޑިއާގެ ބާރަތު ބަޔޯޓެކުން ތަރައްގީކޮށް އުފެއްދި ކޮވިޑް ވެކްސިން ހަތަރު ހަފްތާއަށް ބަހާލައިގެން ދެ ޑޯޒް ޖެހުމުން އެފިކަސީ ރޭޓް ނުވަތަ ބަލިން ދިފާއުކޮށްދޭ މިންވަރު އުޅެނީ 76 އިންސައްތައިގައި ކަމަށެވެ.

ޑަބްލިޔޫއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާގެ ކުންފުނިން އުފެއްދި ކޮވިޑް ވެކްސިނަކީ ފަސޭހައިން ރައްކާކުރެވޭ ވެކްސިނެއް ކަމުން، މިއީ ދަށް އަދި މަދުން އާމްދަނީ ލިބޭ ގައުމުތަކަށް ވަރަށް އެކަށީގެންވާ ވެކްސިނެއް ކަމަށެވެ.

ބާރަތު ބަޔޯޓެކްގެ ވެކްސިން ޑަބްލިޔޫއެޗްއޯގެ އިމަޖެންސީ ކޮވިޑް ވެކްސިންތަކުގެ ލިސްޓުގައި ހިމެނިއިރު، މީގެކުރިންވަނީ، އެސްޓްރަޒެނެކާ-ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ގުޅިގެން އުފެއްދި "ކޮވިޝީލްޑް"، ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިން، މޮޑަނާގެ ވެކްސިން، ޖޯންސަން އެންޑް ޖޯންސަން އަދި ޗައިނާގެ ދެ ކުންފުނި ކަމަށްވާ ސިނޮފާރމް އަދި ސިނޮވެކްގެ ވެކްސިން އިމަޖެންސީ ވެކްސިންގެ ގޮތުގައި އެޕްރޫވްކޮށް ލިސްޓުގައި ހިމަނާފައެވެ.

އިންޑިއާގެ އާބާދީގައި ހިމެނޭ މީހުންގެ ތެރެއިން މިހާތަނަށް 29 އިންސައްތަ މީހުންވަނީ ކޮވެކްސިންގެ މަދުވެގެން އެއްޑޯޒް ޖަހާފައެވެ. އަދި 23 އިންސައްތަ މީހުންވަނީ ދެޑޯޒް ފުރިހަމަ ކޮށްފައެވެ.

ބާރަތު ބަޔޯޓެކުން އުފެއްދި ކޮވެކްސިންއަށް ޑަބްލިޔޫއެޗްއޯއިން ހުއްދަ ލިބުމުގެ މާނައަކީ، ޑަބްލިޔޫއެޗްއޯއިން އެންޑޯޒްކޮށްފައިވާ ވެކްސިން ޖަހާފައިވާ މީހުންނަށް ދަތުރުފަތުރު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ގައުމުތަކަށް އިންޑިއާގެ ރައްޔިތުންނަށް ދަތުރުކުރުމުގެ މަގު ފަހިވެގެން ދިއުމެވެ.