ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 58 ފަރާތަކާއެކު ވިޒިޓް މޯލްޑިވްސްއިން ބައިވެރިވި "ޑަބްލިއުޓީއެމް ލަންޑަން 2021" ނިންމާލައިފިއެވެ.

ޑަބްލިއުޓީއެމް ލަންޑަން 2021 ކުރިއަށް ދިޔައީ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޑަބްލިއުޓީއެމް ލަންޑަން 2021 އަކީ ދުނިޔޭގައި ކުރިއަށް ގެންދާ ފަތުރުވެރިކަމުގެ ވިޔަފާރި އާ ގުޅޭ އެންމެ ބޮޑު އެއް ފެއާއެވެ. 1980 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޑަބްލިއުޓީއެމް ފެއާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދޭ އަދި ލިބިގަންނަ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް، ގުޅުން ބަދަހިކުރުމަށް ފުރުސަތު ދިނުމަށް ބާއްވާ މިފަދަ އެންމެ ބޮޑު އެއްފެއާއެވެ.

މި ފެއާގެ ފިޒިކަލް އިވެންޓް މިދިޔަ އަހަރު ކޮވިޑްގެ ސަބަބުން ވަނީ ކެންސަލް ކޮށްފައެވެ. އަހަރު މި ފެއާގައި އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ވިޒިޓް މޯލްޑިވްސްއިން މި ފެއާގައި ބައިވެރިވީ އިންޑަސްޓްރީގެ 58 ކުންފުނީގެ 104 ފަރާތާއެކުއެވެ. މި ފެއާގައި ބައިވެރިވުމުގެ މަޤްސަދަކީ ރާއްޖޭއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރުންކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. އަދި ރާއްޖޭގެ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖޭގެ ޓްރެވަލް ގައިޑްލައިންތައް މި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކާ ހިއްސާކުރުންކަމަށެވެ.

މި ފެއާގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ހިދުމަތްތަކާއި، ޕްރޮޑަކްޓްތައް އިނގިރޭސިވިލާތުގެ މާކެޓާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ފެއާގައި ބައިވެރިވާ ފަރާތްތަކަށް އިޝްތިހާރުކުރުމަށް ފުރުސަތު ލިބިގެން ދިޔައެވެ.

މި ފެއާގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 150 ފަރާތަކާއި ބައްދަލުވުމުގެ ފުރުސަތު ރާއްޖޭގެ ކޮންޓިންޖެންޓަށް ލިބިގެން ދިޔަކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި ހަރަކާތުގެ ތެރެއިން ވިޒިޓް މޯލްޑިވްސްއާއެކު ބައިވެރިވި އިންޑަސްޓްރީ ޕާޓްނަރުންނަށް ބޭރުގެ ފަރާތްތަކާއެކު ވަކިވަކިން، ބައްދަލުވުންތައް ކުރިއަށް ގެންދިއުމުގެ، ފުރުސަތު ލިބުނެވެ.

ޑަބްލިއުޓީއެމްގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތާއި ބައިނަލްއަޤްވާމީ ގޮތުން އިޝްތިހާތިހާރު ކުރުމުގެ ފުރުސަތު ދިނުމަށް ހާއްސަ ޕްރެސް ކޮންފަރެންސްއެއް ވަނީ ބާއްވާފައެވެ.

މި ޕްރެސް ކޮންފަރެންސްގައި މީޑިއާއަށް މައުލޫމަތު ދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ތައްޔިބް މުހައްމަދުގެ އިތުރުން މިނިސްޓަރ އޮފް ޓޫރިޒަމް ޑރ އަބްދުﷲ މައުސޫމް އަދި ސަން ސިޔާމް ރިޒޯޓްސްގެ ފަރާތުން އެގްޒެކެޓިވް ޑިރެކްޓަރ ޒުލޭހާ މަނިކުއެވެ.

މީގެއިތުރުންވެސް ޑަބްލިއުޓީއެމްގެ އެންމެ ފަހު ދުވަހު ރާއްޖޭގެ ފަރާތުން ހާއްސަ ވީއައިޕީ ހަރަކާތެއް ބޭއްވިއިރު، މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސަލިހް ބައިވެރިވެވަޑައިގަތެވެ. ޑަބްލިއުޓީއެމް ނިންމާލުމަށްފަހު ވިޒިޓް މޯލްޑިވްސްއިން ވަނީ ރާއްޖޭގައި މައިސް ޓޫރިޒަމް މީޓިންސް، އިންސެންޓިކްސް، ކޮންފަރެންސަސް އަށް ހުރި ފުރުސަތުތައް ޕްރޮމޯޓްކުރުމުގެ ގޮތުން ރޯޑް ޝޯއެއް ބާއްވާފައެވެ.

2019 ވަނަ އަހަރު ބޭއްވި ޑަބްލިއުޓީއެމް ފެއާގައި 5000 އެގްޒިބިޓަރުން ބައިވެރިވެފައިވާއިރު، މި ފެއާއަށް 51،000 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިފެއާގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި 935،129 ބައްދަލުވުން ވަނީ ބޭއްވިފައެވެ. އަދި 2019ގެ ހަރަކާތުގެ މީޑިއާ ކަވަރޭޖްގައި ބައިނަލްއަޤްވާމީ 3000 މީޑީއާއިން ވަނީ ބައިވެރިވެ، ފަތުރުވެރިކަމުގެ ދާއިރާގެ ހަބަރާއި މައުލޫމާތުތައް އާންމުންނާ ހަމައަށް ގެނެސްދީފައެވެ.

އިނގިރޭސިވިލާތަކީ މި އަހަރު މިހާތަނަށް ރާއްޖެއަށް 8 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 2.6 އިންސައްތަ ނުވަތަ 29,224 ފަތުރުވެރިންނަކީ އިނގިރޭސިވިލާތުން އައި ފަތުރުވެރިންނެވެ.