ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދިން އިސްމާއިލް ޔާސިފް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ކޯޓުން އޭނާ ޖަލަށް ލާން ހުކުމްކޮށްފައިވަނީ ޝަރީއަތުގެ މަޖިލީހުގައި އެއްވެސް ވާހަކައެއް ދެއްކުމަށް އިންކާރުކޮށް ޝަރީއަތުގެ އެންގުމާ ހިލާފްވެފައި ވާތީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެއެވެ.

ދައުލަތުން ވަނީ އޭނާގެ މައްޗަށް 3 ދައުވާއެއް އުފުލައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދިފައެވެ. އެގޮތުން ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި އަޑުއެހުމަށްފަހު މައްސަލަ ބައްލަވާ ގާޟީ ދީބާނާޒް ފަހްމީ ނެރުއްވި އަމުރުގައި ބުނެފައިވަނީ، ޔާފިސް އަކީ ވާހަކަ ދެއްކުމުގެ ގާބިލްކަން ހުރި މީހެއް ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަން ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް ވާހަކަ ނުދައްކާ ކޯޓުގެ އަމުރަށް ތަބާވެފައިނުވާކަމަށެވެ.

އެންމެ ފުރަތަމަ ޔާސިފް ހައްޔަރުކޮށްފައިވަނީ ރ. މީދޫއިންނެވެ. ޔާސިފް ހައްޔަރުކޮށް، ބަންދު މުއްދަތު ޖެހުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާ ކުރި އަމަލެއްގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމާ މީގެކުރިންވެސް 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައިވެއެވެ.

އެއަށްފަހު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައިވެސް ނަޝީދު އަވަހާރަކޮށްލާނެކަމަށް ބުނެ އިންޒާރު ދިނުމާއި ގުޅިގެން އޭނާ އެއް މަހަށް ޖަލަށްލާން ހުކުމްކޮށްފައިވެސް ވެއެވެ.

އޭނާގެ މައްޗަށް ދައުލަތުން އޭނާއާ ދެކޮޅަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާއެވެ.

ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށް، 2020 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ސޯޝަލް މީޑިއާގެ އެކި ޕްލޯޓްފޯރމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓްތައް ކޮށްފައެވެ. އޭނާ ވަނީ ރައީސް ނަޝީދު އެނބުރި ރާއްޖެ އަތުވެއްޖެނަމަ "އަބޫޖަހުލު" އަށް ހަދާލި ގޮތް ހަދާލާނެ ކަމަށް ބުނެފައެވެ.