އެމެރިކާގެ މީޑިއާ ޓީމެއް ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.
މި ދަތުރު ކުރިއަށް ދާނީ ނޮވެންބަރު މަހުގެ 3 އިން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ ޔޫއެސްއޭ ޓުޑޭ، ޓްރެވަލް ލެޝާ، ލޯންލީ ޕްލެނެޓްކޮންޑިނާސްޓް ޓްރެވަލް، ނިއުސްމެކްސް، ބްލޫ މެގަޒިން، މެޓަޑޯ ނެޓްވޯކްގެ ކްރިއޭޓާސްއަށް ލިޔާ ނޫސްވެރިންނާއި ފަތުރުވެރިކަމާބެހޭ ލިއުންތެރިން ހިމެނޭ ޓީމެކެވެ.
މި މީޑިއާތަކަކީ މިލިއަނަކަށްވުރެ ގިނަ ކިއުންތެރިންނާއި، ބެލުންތެރިން ހިމެނޭ މީޑިއާތަކެކެވެ. މި ދަތުރަށްފަހު މިޓީމުން ރާއްޖޭގައި ކުރާ ތަޖުރިބާތަކާބެހޭ ފޮޓޯ، ވީޑިއޯ އަދި އާޓިކަލްތައް އެކި ޕްލެޓްފޯމްތަކުގައި ޝާއިއުކުރާނެއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ އެމެރިކާގެ މާކެޓަކީ ކޮންޒަވޭޝަން، ސަސްޓެއިނެބިލިޓީ އަދި ވެލްނަސް ތަޖުރިބާތަކަށް ލޯބިކުރާ ފަތުރުވެރިން ގިނަ މާކެޓެކެވެ. ރާއްޖެއަކީ މިފަދަ މޮޑެލްތަކަށް ހިދުމަތްދޭ ތަންތަން ގިނަ މަންޒިލެކެވެ.
ފެމިލަރައިޒޭޝަން ދަތުރުގެ ސަބަބުން ރާއްޖެއިން މިކަންކަމަށް ބަލާ ފަތުރުވެރިންނަށް ލިބެން ހުންނަ ހިދުމަތްތައް އިޝްތިހާރު ކުރެވިގެންދާނެކަމަށް ވެސް ވިޒިޓް މޯލްޑިވްސްއިން ބުނިއެވެ.
މި ފެމިލަރައިޒޭޝަން ދަތުރުގެ މަގްސަދަކީ އެމެރިކާ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމެވެ.
މިގޮތުން މިދަތުރުގެ ސަބަބުން އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގްބޫލުކަން ދަމަހައްޓާ، ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރެވޭނެއެވެ. އަދި ރާއްޖޭގެ އެންމެ ފަހުގެ މައުލޫމަތު އެމެރިކާގެ ފަތުރުވެރިންނަށް ހިއްސާކޮށް، ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރެވޭނެއެވެ.
ވިޒިޓް މޯލްޑިވްސް ބުނީ ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ކޮކޯ ބޮޑު ހިތި ރިސޯޓް، ޔޮޓް މޯލްޑިވްސް އަދި ރީތި ބީޗް ރިސޯޓް ގައެވެ.
މިޓީމުން ރާއްޖޭގެ މަގުބޫލު މެހްމާންދާރީ ތަޖުރިބާކޮށް، މި ރިޒޯޓުތަކުގައި ލިބެން ހުންނަ ސްޕާ، ވޯޓާ ސްޕޯޓްސް، ސްނޯކްލިން ފަދަ ހިދުމަތްތައް ތަޖުރިބާ ކުރާނެއެވެ. އަދި މި ރިޒޯޓުތަކުގެ އެކި ރެސްޓޯރެންޓުތަކުން ލިބެން ހުންނަ ތަފާތު ކެއުންތައްވެސް ތަޖުރިބާކުރާނެއެވެ.
މި ދަތުރުގެ ސަބަބުން އެމެރިކާގެ މަތީ ފަންތީގެ އަދި ބަޖެޓް ފަތުރުވެރިންނާ ހަމައަށް ރާއްޖޭގެ ފަތުރުވެރިކަމާބެހޭ މައުލޫމަތު ފޯރާނެކަމަށް ބެލެވެއެވެ.
މި ފެމިލަރައިޒޭޝަން ދަތުރަކީ އެމެރިކާގެ މާކެޓުގައި ރާއްޖޭގެ މަގްބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ހިންގޭ ހަރަކާތެކެވެ.
މި ފޭމް ޓްރިޕްއަކީ މި މާކެޓުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްން މި އަހަރު ކުރިއަށް ގެންދާ ދެ ވަނަ ފޭމް ޓްރިޕްއެވެ. މީގެއިތުރުން މިމާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމުގެ ގޮތުން މި އަހަރު ވަނީ އައިއެލްޓީއެމް ނޯތް އެމެރިކާގައިވެސް ބައިވެރިވެފައެވެ.