ކޮވިޑް ބައްޔަށް ފަރުވާއެއްގެ ގޮތުން މަރކް އެންޑް ރިޖްބެކް ބަޔޯތެރަޕިއުޓިކްސް ގުޅިގެން ތަރައްގީކޮށް އުފެއްދި ބޭހަށް އިނގިރޭސިވިލާތުން ހުއްދަ ދީފިއެވެ.

އިނގިރޭސިވިލާތް ވެގެންމިދިޔައީ، މި ބޭސް ބޭނުންކުރުމަށް ރަސްމީގޮތުން ހުއްދަދިން ފުރަތަމަ ގައުމަށެވެ.

އިނގިރޭސި ސަރުކާރުގެ މިފިޔަވަޅަކީ، ކޮވިޑް ބައްޔާ ދެކޮޅަށް އެގައުމުން ކުރަމުންދާ ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެއެވެ.

ކޮވިޑްބަލި ޖެހޭ މީހުންނަށް ފަރުވާއެއްގެ ގޮތުގައި މަރކް އެންޑް ރިޖްބެކް ބަޔޯތެރަޕިއުޓިކްސްއިން ތަރައްގީކޮސް އުފެއްދި ބޭހުގެ ނަމަކީ "މޮލްނުޕިރވިއަރ" އެވެ.

މި ބޭހަށް ހުއްދަދިނުމަށްފަހު، ބޭސްދޭ މީހުންގެ ބަލީގެ ވަކި ހާލަތްތަކެއް ބެލުމަށްފަހު ބޭސް ދިނުމަށް އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީން ރެކޮމެންޑް ކޮށްފައިވެއެވެ.

އެގޮތުން، ކޮވިޑްބަލީގެ ހާލަތު އާދައިގެ ނުވަތަ މެދުމިންވަރެއްގައި ހުންނަ މީހުންނަށާއި، ކޮވިޑް ޖެހުމަށްފަހު ބަލީގެ ހާލަތު ގޯސްވެދާނެ ކަމަށް ބެލެވޭ ކަންކަމުގެ ތެރެއިން ފަލަމީހުންނާއި، އުމުރުން ދުވަސްވީ މީހުންނައި ހަކުރު ބައްޔާއި އަދި ހިތުގެ މައްސަލަތައް ހުންނަ މީހުންނަށްވެސް މި ބޭސް ދިނުމަށް ރެކޮމެންޑް ކޮށްފައިވެއެވެ،

ބޭސް ދޭން ޖެހޭނީ ކޮވިޑް ޓެސްޓް ހެދުމުން ޕޮޒިޓިވްވުމުން އަދި ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ ފަސްދުވަހުގެ ތެރޭގައި ކަމަށްވެސް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީން ބުނެފައިވެއެވެ.

"މޮލްނުޕިރވިއަރ" އަކީ ކާބޭހެކެވެ.

މި ބޭހުގެ ކްލިނިކަލް ޓްރައިލްސްގެ ނަތީޖާ އާންމުކުރުމާއެކު މި ބޭހުގެ ޑިމާންޑް ދުނިޔޭގައި އިތުރުވެގެން ގޮސްފައިވެއެވެ. އެގޮތުން، އެތައް ގައުމަކުން ބޭސް ގަތުމަށް އޯޑަރުކޮށްފައިވެއެވެ.

"މޮލްނުޕިރވިއަރ" ގަތުމަށް އެންމެ އަވަސް އަރުވާލައިގެން މަސައްކަތް ފެށީ އޭޝިޔާގެ ގައުމުތަކުންނެވެ. ސަބަބަކަށްވީ، ކޮވިޑަށް ވެކްސިންތައް އުފައްދައި، ވެކްސިން ހޯދުމަށް ކުރެވުނު މަސައްކަތުގައި އޭޝިޔާގެ ގައުމުތައް ފަހަތަށް ޖައްސާލައި ހުޅަނުގެ ގައުމުތަކުން ކުރި ހޯދާފައި ވުމުންނެވެ.

މި ބޭސް ބޭނުންކުރުމަށް އިނގިރޭސިވިލާތުން ހުއްދަދިންއިރު، މިބޭހުގެ ރައްކާތެރިކަމާއި، ބަލިން ރަނގަޅުކޮށްދޭ މިންވަރު ދެނެގަތުމަށް އެމެރިކާގެ އެކްސްޕާޓުން މި ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހު ބައްދަލުކުރުމަށް މިހާރުވަނީ ހަމަޖެހިފައެވެ.

މަރކް އެންޑް ރިޖްބެކް ބަޔޯތެރަޕިއުޓިކްސް އިން ކޮވިޑަށް ބޭހެއް ތަރައްގީކުރިއިރު، އެކުންފުންޏާ ވާދަވެރި ފައިޒަރ ކުންފުންޏާއި، ސްވިސް ރޮޝޭ ހޯލްޑިންގ އޭޖީންވެސް ގެންދަނީ ކޮވިޑަށް ފަރުވާއެއްގެ ގޮތުގައި ދިނުމަށް ބޭހެއް އުފައްދައި އަޖުމަ ބެލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންނެވެ.

އެންމެފަހުން ހެދި ތަހުލީލުތަކަށްފަހު ފައިޒަރ ކުންފުނިން މިއަދު ބުނެފައިވަނީ، ކޮވިޑްބަލިޖެހޭ މީހުން އެކުންފުނީގެ ބޭސް ކެއުމުން ބަލީހާލަތު ގޯސްވުން 89 އިންސައްތަ ކުޑަކޮށްދޭ ކަމަށެވެ.