އިންޑިއާގައި ކޮވިޑް ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 11 ބަލިމީހުން ފިހިގެން މަރުވެއްޖެއެވެ.

އަލިފާނުގެ ހާދިސާ މިއަދު ހިނގާފައިވަނީ އިންޑިއާގެ މަހާރަޝްޓްރާ ސްޓޭޓްގެ އަހްމަދުނަގަރުގެ ހޮސްޕިޓަލެއްގައެވެ.

އަލިފާން ރޯވެ އަނދާފައިވަނީ އެ ހޮސްޕިޓަލުގައި ކޮވިޑް ބަލިމީހުންނަށް ފަރުވާ ދިނުމަށް އަލަށް ހެދި ވޯޑެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު އެ ވޯޑުގެ އައިސީޔޫގައި ކޮވިޑްގެ އެތައް ބަލިމީހުން އެޑްމިޓްކޮށްފައި ތިބި ކަމަށާއި، އަލިފާނުގެ ސަބަބުން ފިހިގެން މަރުވި ގިނަމީހުންނަކީ އުމުރުން 60 އަހަރުން މަތީގެ މީހުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަލިފާނުގެ ސަބަބުން މުޅި ވޯޑުވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދައި ހުލިވެފައެވެ.

މިހާދިސާއާ ގުޅިގެން މަހާރަޝްޓްރާ ސްޓޭޓްގެ ޗީފް މިނިސްޓަރ އުދާވް ތާކަރޭވަނީ، ފުރިހަމަ ތަހްގީގެއް ހިންގުމަށާއި، ހޮސްޕިޓަލުގައި އަޅާފައިވާ ރައްކާތެރި ފިޔަވަޅުތައް ބެލުމަށް އަމުރު ކުރައްވާފައެވެ.

ކޮވިޑްބަލީގެ ހާލަތު އިންޑިއާގައި ކޮންޓްރޯލުން ނެއްޓި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލްތަކަށް ޕްރެޝަރ ބޮޑުވެގެން ދިޔައިރު، އަލިފާނުގެ އެތައް ހާދިސާއެއްވެސް ހިނގާފައި ވެއެވެ.

މިއަހަރުގެ މެއިމަހު ގުޖަރާތު ސްޓޭޓްގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 16 ކޮވިޑް ބަލިމީހުންނާއި 2 ނަރުހުން ފިހިގެން މަރުވެފައި ވެއެވެ.

ތަހްގީގު ކުރި ފަރާތްތަކުން ބުނެފައިވަނީ، ހޮސްޕިޓަލްގެ އައިސީޔޫގައި އަލިފާން ރޯވީ ޝޯޓް-ސާކިޓެއްގެ ސަބަބުން ކަމަށެވެ.

މުމްބާއީގެ ކްލިނިކެއްގައި އޭޕްރީލްމަހު އަލިފާން ރޯވެ، 13 ކޮވިޑް ބަލިމީހުން ފިހިގެން މަރުވިއެވެ. މުމްބާއީގައި އެދުވަސްވަރު ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 22 މީހުން މަރުވިއެވެ.