ސިވިލް ސަރވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް ގެނައި ބަދަލަކީ އިދިކޮޅުގެ ހަރަކާތްތަކަށް ހުރަސް އެޅުމުގެގޮތުން ގެނައި ބަދަލެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރ އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝުޖާއު ވަނީ އިދިކޮޅުން އިންތިޒާމްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "މިނިވަންކަމުގެ ދިފާއުގައި" ހިނގާލުމުގައި ހައްގު ހޯދަން ނުކުތުމަށް ސިވިލް ސާވަންޓުންނަށް ގޮވާލާފައެވެ.

ޝުޖާއު ވިދާޅުވީ ދިވެހި ސިވިލް ސާވަންޓުންގެ ހައްގުތައް ކަށަވަރު ކުރެވެން އޮތީވެސް މިނިވަންކަމެއް އޮވެގެން ކަމަށާއި އެހެންކަމުން އިދިކޮޅުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތުދޭ ކަމަށެވެ.

އިއްޔެ ބާއްވަން ނިންމި ހިނގާލުން އިދިކޮޅުން ވަނީ އަންނަ ހުކުރަށް ފަސްކޮށްފައެވެ.

އެކަމާގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ހަރަކާތް ފަސްކުރީ ޕީޕީއެމުން ހެދި ޑީލެއްގެ ދަށުން ކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ. އެ ވާހަކަތަކަށް ރައްދު ދެއްވާ، ޝުޖާ ވިދާޅުވީ، ޕީޕީއެމްއަކީ ޑީލުހަދާނެ ޕާޓީއެއް ނޫން ކަމަށެވެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ފިކުރަކުން މިނިވަންކަމުގެ މި މައްސަލައިގަ ޑީލެއް ނަހަދާނޭ، އެއްވެސް ގައުމަކާއެކު. ރައީސް ޔާމީންގެ ފިކުރަކީ ޑީލު ހަދާ ފިކުރެއް ނޫން. ސާބިތުކަމާއެކީގައި މި ގައުމުގެ މިނިވަންކަމުގެ ޒައްރެއްގެ މިންވަރު ބޭރުގެ ބަޔަކާ ދިމާލަކަށް ދިއުމަކީ ރައީސް ޔާމީންގެ ފިކުރު، މި ޕާޓީ ދެކޮޅު ކަމެއް.
މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރ އިބްރާހީމް ޝުޖާއު

މި ސަރުކާރުގައި ހައްގު ގެއްލޭ ހުރިހާ އެންމެންގެ ހައްގު 2023 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ޕީޕީއެމްއިން އިއާދަކޮށްދޭނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ހިނގާލުމަކީ އިންޑިއާގެ ސިފައިންނާއި ވަސީލަތްތައް ރާއްޖެއިން ބާލަން ސަރުކާރަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ހިންގާ ކެމްޕޭނެކެވެ.

އެ ކަމަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމުގެ މަސައްކަތްތައް ވެސް އިދިކޮޅުން ދަނީ ކުރަމުންނެވެ.