އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާދިމީގެ ރަސްމީ ގެކޮޅަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދިން ނަމަވެސް، ބޮޑުވަޒީރަށް އެއްވެސް ގެއްލުމެއް ލިބިވަޑައި ނުގަންނަވާ ކަމަށް އިރާގުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

ބޮޑުވަޒީރަށް އެއްވެސް ގެއްލުމެއް ލިބިވަޑައި ނުގެންނެވި ނަމަވެސް، މި ހަމަލާގައި ބޮޑުވަޒީރު ކާދިމީގެ ހަށިފާރަވެރިންގެ ޓީމުގެ އެތައް މެމްބަރުންނަށް އަނިޔާ ވެފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ.

އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ ސީދާ ބޮޑުވަޒީރު އަވަހާރަކޮށްލަން ދެވުނު ހަމަލާއެއް ކަމަށެވެ.

ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހުންނަނީ ބަޣުދާދުގެ ގްރީންޒޯން ތެރޭގައި، މި ސަރަހައްދަކީ ސަރުކާރުގެ އޮފީސް އިމާރާތްތަކާއި، ބޭރުގެ އެމްބަސީތައް ހުންނަ ސަރަހައްދެވެ. މިއީ ވަރަށް ވަރުގަދައަށް ސަލާމަތީ ފިޔަވަޅު އަޅާފައިވާ ސަރަހައްދެއްވެސް މެއެވެ.

ބޮޑުވަޒީރުގެ ގެކޮޅަށް ޑްރޯން ބޭނުންކޮށްގެން ބޮމުގެ ހަމަލާއެއް މިދިނީ، މިދިޔަމަހު ބޭއްވި އާންމު އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ފެށުނު ދެކޮޅުވެރިކަން ވަރަށް ބޮޑަށް ގޯސްވެ މަސްރަހް ވަރަށް ނުތަނަވަސް ވެފައިވާ ވަގުތެއްގައެވެ.

އިންތިޚާބުގެ ނަތީޖާއާ ދެކޮޅު ހެދުމުގައި އިސްކޮށް އުޅޭ ގްރޫޕަކީ ހަތިޔާރުއެޅި ގްރޫޕެއް،، އެ ގްރޫޕުން ބުނެފައިވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށާއި، ނަތީޖާ ގަބޫލު ނުކުރާ ކަމަށެވެ.

އެހެން ނަމަވެސް، އިރާގުގެ ބޮޑުވަޒީރުގެ ގެކޮޅަށް ހަމަލާދިނީ ކޮންބައެއް ކަމެއް އަދި ސާފެއް ނުވޭ،، މިހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލާފައެއްވެސް ނުވެއެވެ.

ބޮޑުވަޒީރުގެ ގެކޮޅަށް ދެވުނު ހަމަލާ އެމެރިކާއިންވަނީ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި،، ބުނެފައިވަނީ، މިއީ ސީދާ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

ހަމަލާގެ ފަހުން ބޮޑުވަޒީރު މުސްތަފާ އަލްކަދީމީގެ ރަސްމީ ޓްވިޓަރއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ބޮޑުވަޒީރު ގަދަވެ ސަލާމަތުން އެބަ ހުންނެވި ކަމަށެވެ. އަދި އާންމު ރައްޔިތުން ކެތްތެރިވެ ތިބުމަށްވެސް އެދިފައިވެއެވެ.