އދ. ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 26) ސަމިޓުގައި ދުނިޔޭގެ ބޮޑެތި އެތައް ގައުމަކުން ސޮއިކުރި މުހިންމު މުއާހަދާގައި ދިވެހިރާއްޖެއިން ސޮއިނުކުރާން ނެތްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ.
މިމުއާހަދާއަކީ 2030 ވަނަ އަހަރުގެ ކުރީން ޖަންގަލިތަކާއި ބިންބިން ނެތިދިއުން ހުއްޓުވައި އެތަންތަން އަނބުރާ އިއާދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ގަރާރެކެވެ.
ރާއްޖެއިން އެގަރާރުގައި ސޮއިކޮށްފައިނުވާތީ އެކަމާމެދު ބައެއް މީޑިއާތަކުން ކަނބޮޑުވުން ފާޅުކޮށް ބުނެފައިވަނީ، އެ ގަރާރުގައި އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތަކުން ސޮއިކޮށްފައި ވީނަމަވެސް، ދެކުނު އޭޝިއާ ސަރަހައްދުން ސޮއިނުކުރަނީ ރާއްޖެ އާއި އިންޑިއާއިން އެކަނި ކަމަށެވެ.
އެކަމާއި ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެ މުއާހަދާ ހުށަހަޅާފައިވަނީ އޭގައި ސޮއިކުރުމުގެ 30 މިނެޓްކުރިން ކަމަށެވެ.
އަދި، އިތުރަށް ކުރަންހުރި މަޝްވަރާތައް ކޮށް، އެ މުއާހަދާ ދިރާސާކުރުމަށް ފަހު ރާއްޖެއިން އޭގައި ސޮއިކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ކޮޕް-26 ސަމިޓްގައި ރާއްޖެއިން ގަރާރުގައި ސޮއިނުކުރި ނަމަވެސް، ގަރާރުގައި ސޮއި ކުރުމުގެ މުއްދަތު އަދި ހަމަނުވާކަން ފާހަގަކޮށްލެވެއެވެ.
ޖަންގަލިތަކާއި ބިންތައް ހަލާކު ނުވާނެގޮތަކަށް ތަކެތި އުފެއްދުމާއި ބޭނުންކުރެވޭނެ ގޮތަކަށް ބައްޓަންކޮށްފައިވާ އަދި ދެމެހެއްޓެނިވި ވިޔަފާރި އާއި ތަރައްގީއަށް މަގުފަހިވާނެ ފަދަ ސިޔާސަތުތަކެއް ގައުމުތަކުން ވަކިވަކިންނާއި ބައިނަލްއަގުވާމީ ފެންވަރެއްގައި ކަނޑައެޅުމާއި، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެކަށައަޅާފައިވާ ގާނޫނުތައް މެދުވެރިކޮށް މުޖުތަމައުތައް ބާރުވެރިކޮށް، ފައިދާވާ އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ސިނާއަތެއް ކުރިއަރުވައިގެން ކުދިކުދި މުޖުތަމައުތަކުގެ ނާޒުކުކަން ކުޑަކުރުން އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.