ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަދި ވިޔަފާރިވެރިޔާ މުހައްމަދު ޖުނައިދުގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ޖުނައިދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކޮށްފައިވަނީ އޭނާގެ ކުންފުނި ކަމަށްވާ "އޮންދިގޯ" ގައި މަސައްކަތް ކުރި އަންހެން މުވައްޒަފެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޮންދިގޯ މުވައްޒަފަކަށް ދިމާވިކަމަށް ބުނާ ޖިންސީގޯނާ އާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެމައްސަލަ ބަލަމުންދާ ކަމަށެވެ.

އެކި ދުވަސްތައް މަތީން ޖުނައިދު އޭނާއަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކޮށްފައިވާކަމަށް އެ މުވައްޒަފުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ލިޔެފައިވެއެވެ. އެގޮތުން، އޮފީހުގެ ކެމެރާ ނެތް ހިސާބަކަށް ގެންގޮސް އޭނާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނެފައިވެއެވެ.

އެ އަންހެން މުވައްޒަފުގެ ވާހަކަތައް ދޮގުކޮށް، ބައެއް މީޑިއާތަކަށް ޖުނައިދު ވިދާޅުވެފައިވަނީ، އެއްވެސް މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށް، ޖިންސީ ގޯނާ ކުރައްވާފައި ނުވާނެ ކަމަށާއި، އެ މުވައްޒަފު ތުހުމަތުތަކެއް އޭނާގެ ބޮލުގައި އެޅުވީ ވަޒީފާއަށް ފަރުވާކުޑަކޮށް އޮފީހަށް ހާޒިރުނުވެ އޮޅުވާލި މައްސަލައެއް ބަލަން އުޅުމުން ކަމަށެވެ.

މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.