އެމެރިކާއިން ފަލަސްތީނުގައި ހުޅުވާ ކޮންސިއުލޭޓް ގުދުސްގެ ބަދަލުގައި ހުޅަނގު އައްސޭރީގައި ހުޅުވަން އިސްރާއީލުން ގޮވާލައިފިއެވެ.
އެމެރިކާގެ ކޮންސިއުލޭޓް ފަލަސްތީނުގައި އަލުން ހުޅުވަން އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ ނިންމަވާފައެވެ.
އަދި ކޮންސިއުލޭޓް ގުދުސްގައި ގާއިމްކުރަންވެސް އެމެރިކާ ސަރުކާރުންވަނީ ނިންމާފައެވެ.
ނަމަވެސް، އިސްރާއީލުން ގެންދަނީ އެމެރިކާގެ ޕްލޭން ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
އިސްރާއީލުން މިއަދު ބުނެފައިވަނީ، ގުދުސްގެ ބަދަލުގައި އެމެރިކާގެ ކޮންސިއުލޭޓް ހުޅަނގު އައްސޭރީގައި ހުޅުވުން ރަނގަޅުވާނެ ކަމަށެވެ.
ގުދުސްގައި ހުރި އެމެރިކާ ކޮންސިއުލޭޓް ބަންދުކުރީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އޭނާގެ އަމުރަށެވެ. އެކަން ވެގެންދިޔައީ އިސްރާއީލު ވަރަށް އުފާކުރި ކަމަކަށެވެ.
ފަލަސްތީނު ރައްޔިތުންނަށް ގުދުސްގައި ހަދާފައި ހުރި ކޮންސިއުލޭޓް ބަންދު ކުރުމަށްފަހު ޓްރަމްޕްވަނީ އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް އެމެރިކާއިން ރަސްމީގޮތުން ބަލައިގަނެ، ތެލްއަވީވްގައި ހުރި އެމެރިކާ އެމްބަސީ 2018 ވަނަ އަހަރު ގުދުސްއަށް ބަދަލުކޮށް، ފަލަސްތީނު ކޮންސިއުލޭޓުގައި ތިބި ހުރިހާ ސްޓާފުންވެސް އެމެރިކާ އެމްބަސީއަށް ބަދަލުކޮށްފައެވެ.
އިސްރާއީލުން ގުދުސް ހިފާފައިވަނީ 1967 ވަނަ އަހަރު އަރަބި ބައެއް ގައުމުތަކާއި އިސްރާއީލާ ދެމެދު ކުރި ހަދުވަހުގެ ހަނގުރާމައިގައެވެ.
ގުދުސްއަކީ އިސްރާއީލުގެ ބައެއް ކަމަށް އިސްރާއީލުން އަމިއްލައަށް ކަނޑައެޅި ނަމަވެސް އދއާއި ދުނިޔެ އެކަން ގަބޫލެއް ނުކުރެއެވެ.
ޓްރަމްޕްގެ ސަރުކާރުން އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކުރުމުން އެމެރިކާއާއި ފަލަސްތީނުގެ ގުޅުންތައް ކެނޑިގެންދިޔައެވެ.
މިހާރުގެ ރައީސް ޖޯ ބައިޑެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ފަލަސްތީނާއެކު އޮންނަ ގުޅުން ރަނގަޅުކުރުމަށެވެ. އެގޮތުން، ފަލަސްތީނުގައި ހުރި އެމެރިކާގެ ކޮންސިއުލޭޓް އަލުން ހުޅުވުމަކީ ބައިޑެންގެ ވައުދެކެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔައިރް ލިޕިޑް މިއަދު ބުނީ، އެމެރިކާއިން ފަލަސްތީނުގައި ކޮންސިއުލޭޓް ހުޅުވާނަމަ ރާމަﷲގައި ކޮންސިއުލޭޓް ހުޅުވުމަކުން މައްސަލައެއް ނެތްކަމަށެވެ.
އެކަމަކު، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާވަނީ، އިސްރާއީލުގެ ޚާރިޖީ ވަޒީރުގެ ވާހަކަތަކާ ދެކޮޅު ހައްދަވާފައެވެ.
އޭނާ ވިދާޅުވީ، ފަލަސްތީނުގެ ވެރިރަށަކީ ގުދުސްކަމަށާއި، އެމެރިކާގެ ކޮންސިއުލޭޓް ހުޅުވާނީ ގުދުސްގައި ކަމަށާއި، އެކަން އެގޮތަށް ކުރުމަށް އެމެރިކާ ސަރުކާރުންވެސް ވައުދުވެފައިވާ ކަމަށެވެ.