ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލައިގެ ޝަރީއަތަށް އޭނާ ހާޒިރުނުވުމުން ސުޕްރީމް ކޯޓުގައި ތާވަލް ކުރި އަޑު އެހުން ކެންސަލް ކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ތާވަލް ކުރީ އަލީ ވަހީދުގެ މައްޗަށް ދައުލާތުން ދައުވާ ކޮށްފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދާ މައަސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ(ޕީޖީ) ފަރާތުން ހުށަހެޅި މައްސަލައެވެ.

ސުޕްރީމް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި ދައުވާ ރައްދުވާ ފަރާތުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެފައިނުވާތީ މިއަދުގެ ހެނދުނު 9:00 އަށް ތާވަލް ކުރެވުނު ޝަރީއަތް ވަނީ ކެންސަލް ކުރެވިފައެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން ކްރިމިނަލް ކޯޓަށް އަންގައި, ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް މީގެ ކުރިން ނެރެފައިވާއިރު މިއަހަރު ކުރީ ކޮޅު އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް އޭނާ އަދިވެސް ހުންނެވީ އެގައުމުގައެވެ.

ދައުލަތުން ކްރިމިނަލް ކޯޓުގައި ގާޒީގެ ނިންމެވުން އިއުތިރާޒުކުރުމަށްފަހު މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރި ނަމަވެސް، އެ ނިންމުމަކީ އިޖުރާއީ ނިންމުމެއް ކަމުގައިވާތީ އެފަދަ ނިންމުންތައް އިސްތިއުނާފުކުރެވޭނީ ދަށު ކޯޓުގައި މައްސަލައާމެދު މައުޟޫޢީ ގޮތެއްގައި ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ހައިކޯޓުން ނިންމައި އިސްތިއުނާފުކުރި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ، ފަނޑިޔާރު އަލްއުސްތާޒް ހުސްނުއްސުޢޫދުއާ، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.