މޫސުން ވަރަށް ބޯޑަށް ގޯސްވެ، ބޯކޮށް ވާރޭވެހި ހިނގި ހާދިސާތަކުގައި ސްރީލަންކާއާއި، އިންޑިއާގެ ދެކުނުގެ ބައެއް ސަރަހައްދުތަކުން 9 މީހުން މަރުވެ އަދި އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

ސްރީލަންކާއަށާއި، އިންޑިއާގެ ދެކުނަށް ބޯކޮށް ވާރޭ ވެހެމުންދާތާ ހަފްތާއެއް ވެއްޖެއެވެ.

ސްރީލަންކާގެ 25 ޑިސްޓްރިކްޓްގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ސަރަހައްދަށް ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށްކޮށް، ފެންބޮޑުވެފައި ވެއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސައިފަތްދަނޑުތައް ހައްދާ ސެންޓްރަޕް ހައިލެންޑްސްއާއި، ވަށައިގެންވާ ސަރަހައްދުތަކަށެވެ.

ސްރީލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައިވަނީ، ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި ސްރީލަންކާއިން 5 މީހުން މަރުވެ އަދި ދެމީހުން ގެއްލިފައިވާ ކަމަށެވެ.

ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން ބުނީ، ކުރިއަށްއޮތް ދުވަސްތަކުގައި މޫސުން އެންމެ ގޯސްވާނީ އުތުރުގެ އައްސޭރިފަހުން ޖަފްނާ ހިމެނޭ ސަރަހައްދުތަކަށް ކަމަށާއި، ވަރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާނެ ކަމަށެވެ.

އިންޑިއާގެ ދެކުނުން ޓެމިލް ނާޑޫ ސްޓޭޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 4 މީހުން މަރުވެފައިވާ ކަމަށް ޓެމިލް ނާޑޫގެ ޑިޒާސްޓަރ މެނޭޖްމަންޓް މިނިސްޓަރ ވިދާޅުވިއެވެ.

ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށާއި، ގެދޮރު ދޫކޮށް ދާންޖެހިފައިވާ އެތައްހާސް ބަޔަކަށް 150 އަށްވުރެ ގިނަ ވަގުތީ ހިޔާ ގާއިމްކޮށްފައިވާއިރު، ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އެނޫންވެސް އެހީތައް ދިނުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން ޓެމިލް ނާޑޫގެ ވެރިރަށް ޗެންނާއީގެ ބޮޑެތި ހުރިހާ މަގުތަކެއްގައި ފެންބޮޑުވެ، ބިޔަގަސްތައް މުލުން ލުހި މަގުތަކަށް ވެއްޓި، ޓްރެފިކަށް ހުރަސްއެޅިފައި ވެއެވެ.

މޫސުމީ ވިއްސާރައިގައި ޗެންނާއީއަށް މީގެކުރިންވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ. ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 2015 ވަނަ އަހަރު ޗެންނާއީން 250 މީހުން މަރުވިއެވެ.

ކުރިން ލަފާކުރެވިފައިނުވާ މޫސުމީ ވިއްސާރަ ދެކުނު އޭޝިޔައަށް ކުރިމަތިވަމުންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެއެވެ. މޫސުމަށް އަންނަ ބަދަލުތައް ގުޅިފައިވަނީ ޖަންގަލިތައް ހަލާކުކުރުމާއި، ޑޭމްތައް ހެދުމާއި އަދި ތަރައްގީގެ ނަމުގައި ހިންގާ ބޮޑެތި ބިޔަ މަޝްރޫއުތަކުގެ ސަބަބުން ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.