ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަކީ ދިވެހިންގެ ފަޚުރެވެ. މިކަމާ ދެބަސްވާނެ ނުވަތަ އެކަމަށް އިންކާރުކުރާނެ ދިވެއްސަކު ނުކުންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެކަން ހާމަވާ އެއްކަމަކީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ގައުމު ތަމްސީލުކުރުމަށް ނުކުންނަ ކޮންމެފަހަރަކު ހުރިހާ ދިވެހިން އަތުގުޅާލާ، ދިވެހި ޓީމަށް ހިތްވަރުދިނުމަށް ފެއްސާއި، ރަތާއި ހުދުން ޖަރީވެ ނުކުތުމެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން ދިވެހި ސަޕޯޓަރުން- ފޮޓޯ:- އަލީ ޖުމާން ފުވާދު / ވީނިއުސް

2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ދިވެހިން ބައިނަލްއަގްވާމީ މުބާރާތެއްގައި ރަންވަނައެއް ހާސިލްކޮށް، ސާފް ޗެމްޕިއަންޝިޕުގެ ތަށި އުފުލާލުމުގައި ދިވެހި ޓީމުގެ 12 ވަނަ ކުޅުންތެރިޔާގެ ދައުރު ބޮޑުކަން އެންމެންެވެސް ފާހަގަކުރަނީ އެފަހަރު ދިވެހި ސަޕޯޓަރުން ދެއްކި ލާމަސީލު ނަމޫނާގެ ސަބަބުންނެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތެރެއިން- ފޮޓޯ:- މީސްމީޑިއާ

މީގެއިތުރުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، މި މުބާރާތުގައިވެސް ފެނިގެންދިޔައީ ހަމަ މިމަންޒަރެވެ. ދިވެހި ޓީމު ކުޅޭ ކޮންމެ މެޗަކަށް ދަނޑަށް ވަނުމަށް ޓިކެޓު ހޯދުމަށް އެތައް ގަޑީރެއް ވަންދެން ކިއުގައި ޖެހިގެން ދިވެހިން ތިބުން އެއީ، ދިވެހިންގެ ހިތުގައި ދިވެހި ޓީމަށް އޮތް ލޯތްބާއި ކުލުނު ފެނިގެންދިޔަ ކަމެކެވެ.

ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެއިން އިންޑިއާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ޓިކެޓު ގަތުމަށް ކިއުގައި ތިބި ދިވެހި ސަޕޯޓަރުން- ފޮޓޯ:- ފޭސްބުކް

ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ޓީމަށް ލިބުނު ނާކާމިޔާބީއާއިއެކުވެސް ނުރުހުމުގެ ނަޒަރަކުން ބެލުމުގެ ބަދަލުގައި، އެދިން ހިތްވަރަކީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އުފަލާއެކު ބަލައިގަތް ކަމެކެވެ. ބަލިވިޔަސް ދިވެހި ޓީމުގެ ފަހަތުގައި ހުރިހާ ދިވެހިން ތިބިކަން ހާމަކުރުންވީ ޓީމަށް ލިބިގެންދިޔަ އިތުރު ހިތްވަރެކެވެ.

މި ހިތްވަރާއެކު އަނެއްކާވެސް ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން މިވަނީ އިތުރު މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށް ދިވެހިންނަށް ފަޚުރު ހޯދައިދިނުމުގެ މަސައްކަތް ފަށާފައެވެ.

ސާފް ޗެމްޕިއަންޝިޕް 2021 ގައި އިންޑިއާ އަތުން ރާއްޖެ ބަލިވި މެޗަށްފަހުވެސް ދިވެހިން ވަނީ ގައުމީ ޓީމާއެކު ތިބިކަން ހާމަކޮށް ޓީމަށް ހިތްވަރު ދީފަ- ފޮޓޯ:- އަލީ ޖުމާން ފުވާދު / ވީނިއުސް

އަވަށްޓެރި ސްރީ ލަންކާގައި ބާއްވާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)"ގައި ވާދަކުރުމަށް މިމަހުގެ 4 ވަނަ ދުވަހު ގައުމީ ޓީމު ވަނީ ލަންކާއަށް ފުރާ، ފަރިތަކުރުންތައް ފަށާފައެވެ.

ގައުމީ ޓީމުން ލަންކާގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތަކެއްގެ ތެރެއިން- ފޮޓޯ:- އެފްއޭއެމް

ގައުމީ ޓީމަށް ހިތްވަރުދިނުމަށް، ލަންކާގައި ދިރިއުޅޭ ހުރިހާ ދިވެހިން އަތުގުޅާލުން

ރާއްޖޭގައި އަމިއްލަ ފަސްގަނޑުގައި ދިވެހި ޓީމު ކުޅޭ ހުރިހާ މެޗެއްގައިވެސް ދަނޑު ފުރޭވަރަށް ދިވެހި ސަޕޯޓަރުންވަދެ ގައުމީ ޓީމަށް ހިތްވަރުދޭތަން އަބަދުވެސް ފެނެއެވެ.

ރަށުން ބޭރުގައި ކުޅުނު ނަމަވެސް އެގައުމެއްގައި ތިބި ދިވެހިން އެކަތިގަނޑަކަށްވެ، ދިވެހި ޓީމަށް ހިތްވަރުދީފައިވާކަން މާޒީއިން ފެނިފައިވެއެވެ. 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލްގައި އާއި ފައިނަލް މެޗުގައިވެސް މި މަންޒަރު ފެނިގެންދިޔައެވެ.

ޖޫން މަހުގެ 14 ވަނަ ދުވަހު ކޮލަމްބޯގައި ހުންނަ ސުގަތަޑަސަ ސްޓޭޑިއަމުގައި ރާއްޖެއިން ވަރުގަދަ އިންޑިއާގެ މައްޗަށް 0-1 އިން ކުރިހޯދި މެޗުގައިވެސް އެތައްހާސް ސަޕޯޓަރުންތަކެއް ވަނީ ދަނޑަށްވަދެ ދިވެހި ޓީމަށް ސަޕޯޓުކޮށް، ދިވެހި ޓީމާއެކު ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕުގެ ތަށި އުފުލާލާފައެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދިވެހި ޓީމު ޓްރޮފީ އާއިއެކު- ފޮޓޯ:- ހުސެއިން ސިނާން

ދަނޑަށް ނުވަދެވޭނަމަ، އެއްތަނެއްގައި ތިބެ ބޮޑު ސްކްރީނުންވެސް މެޗު ބަލާލެވޭނެ.

ބޮޑު ސްކްރީން އަޅުވާ ކެފޭ- ފޮޓޯ:- ޝިނާޒް

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ފުރަތަމަ އިއުލާންކޮށްފައިވާ ގޮތުން ހޯމަ ދުވަހުގެރޭ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ވަންނަ ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 5،000 ލަންކާ ރުޕީސް (385 ރުފިޔާ) އަށެވެ. އެހެންނަމަވެސް ލަންކާ ރައްޔިތުންނަށް މެޗުގެ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 200 ރުޕީސް އަށެވެ.

ލަންކާ އާއި ރާއްޖެ ކުޅޭ މެޗުގެ ޓިކެޓާއެކު- ފޮޓޯ:- ޝިނާޒް

އެއާއެކު ޓިކެޓުގެ އަގު ބޮޑުވުމުގެ ޝަކުވާ ދިވެހި ސަޕޯޓަރުން އުފުލާފައިވަނިކޮށް، އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެދިވަޑައިގެންނެވުމުގެ މަތިން ޓިކެޓުގެ އަގު ކުޑަކުރުމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވަރު އުމަރުއާ މަޝްވަރާކުރެއްވި ކަމަށެވެ. އެއާއެކު ދިވެހިންނަށް ވިއްކާ ޓިކެޓުގެ އަގު 3000 ރުޕީސް (231 ރުފިޔާ) އަށް ކުޑަކޮށްފައިވާ ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

އަމިއްލަ ފަސްގަނޑުގައި ނޫންނަމަވެސް ލަންކާގައިވެސް ގިނަ އަދަދެއްގެ ދިވެހިންތަކެއް އެކި ކަންކަމުގައި ދިރިއުޅެމުންދާއިރު، މިހުރިހާ ދިވެހިންވެސް ވަނީ އަތުގުޅާލާ، ގައުމީ ޓީމަށް ހިތްވަރުދިނުމަށްޓަކައި އެކިކަންކަން ކުރުމަށް ތައްޔާރުވެފައެވެ. އެގޮތުން ރާއްޖޭގެ މެޗުތައް ބަލަން ދަނޑަށް ނުވަދެވޭ ދިވެހިންނަށް އެއްތަނެއްގައި ތިބެގެން މެޗު ބެލުމުގެ އިންތިޒާމް ކޮލަމްބޯގައި ހުންނަ ޑްރީމަން ކެފޭގައި މިހާރު ވަނީ ހަމަޖައްސާފައެވެ.

ބޮޑު ސްކްރީން އަޅުވާ ކެފޭ- ފޮޓޯ:- ޝިނާޒް

އެއީވެސް މެޗުތަކަށް ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުގެ އަގުބޮޑުވުމާއި ގުޅިގެން ދަނޑަށް ވަދެވޭނެފަދަ މާލީ ތަނަވަސްކަމެއްނެތް ފަރާތްކަށް، އެކުގައި ގިނަ ދިވެހިންތަކެއް ތިބެގެން މެޗުބެލޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ބޭނުމުގައެވެ.

މުބާރާތަށް ހާއްސަ ލަވައެއްވެސް ވަނީ ނެރެފަ

ލަވައިގެ ބައެއް މަންޒަރުތައް

ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ކޮންމެ މުބާރާތަކަށްވެސް ޓީވީ ސްޓޭޝަން ތަކުންނާއި، ކުލަބު ޖަމިއްޔާތަކުގެ އިތުރުން އަމިއްލަ ފަރުދުންނާއި ބޮޑުބެރު ގުރޫޕުތަކުންވެސް މުބާރާތާއި ގުޅުންހުރި ފޯރިގަދަ ލަވަތަކެއް ދަނީ ނެރެމުންނެވެ. އެގޮތުން މިފަހަރުގެ މުބާރާތް ލަންކާގައި ބޭއްވިގެންދާއިރު މި މުބާރާތުގެ ފޯރި ގެނައުމަށްޓަކައި ލަންކާގައި ދިރިއުޅޭ ދިވެހިން ވަނީ ހާއްސަ ލަވައެއް ތައްޔާރުކޮށް ނެރެފައެވެ.

ވީޓީވީގެ މޯނިންގ ޝޯ، "ވާނުވާ" ޕްރޮގްރާމް މެދުވެރިކޮށް މިލަވަ ރިލީޒްކުރިއިރު މިލަވަ އަކީ ލިޔެލާ ޕްރޮޑަކްޝަންގެ އުފެއްދުމެކެވެ. "ފޯރިލާ" މިލަވައިގައި މުޅިންވެސް ފެނިގެން އަދި އިވިގެންދަނީވެސް ލަންކާގައި ދިރިއުޅޭ ދިވެހިންގެ މަސައްކަތެވެ. އެގޮތުން މީގެކުރިން ރާއްޖޭގައި ލަވަވިދާޅުވި މަޝްހޫރު ބައެއް ފަންނާނުންވެސް ހިމެނެއެވެ. ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގެ ލެޖެންޑް އަބްދުލް ހަންނާން މޫސާ ދީދީ އާއި އިބްރާހިމް ނިފާރް (ތިއްތި)ގެ އިތުރުން ފަޒީލް އާއި ޝާނީގެ އަޑުވެސް މިލަވައިން އިވިގެންދެއެވެ. ދެން މިލަވަ ކިޔާފައިވާ ފަރާތްތަކަކީ ނާގިތު، މާޒިން، ސްކައިނާ، އާތިފް، ޝާނިގާގެ އިތުރުން މުއާދު، ނިމާލް، ޔާނީ އަދި ރިޝް އެވެ.

https://www.facebook.com/Colombo-in-dhivehin-ge-foari-101712698981867/videos/1023012324936743

ފޯރިގަދަ މިލަވައިގެ ޅެން ހައްދަވާފައިވަނީ މޫސާ ރަމީޒް އެވެ. ވީނިއުސް އާއި ވާހަކަދައްކަވަމުން މޫސާ ރަމީޒް ވިދާޅުވީ މިލަވައިގެ ޅެން ބިނާކޮށްފައި އަދި އިބާރާތްވެސް ކޮށްފައިވާނީ ޓީމަށް ސަޕޯޓުކުރަން ބޭނުންވާ ފަރާތްތަކަށް ޖޯޝާއި ފޯރީގައި އެކަން ކުރެވޭނެ ގޮތަކަށް ކަމަށާއި، ކޮންމެ މާހައުލެއްގައިވެސް އެންމެނަށްވެސް ބޭނުންކުރެވޭނެ ގޮތަކަށް ކަމަށެވެ.

"ދިވެހިންނަކީ ހިޔާލުތަފާތުވުންތަކެއް ހުރިކަމުގައިވީނަމަވެސް ކުޅިވަރުގެ މައިދާނުގައި އެ ހިޔާލު ތަފާތުވުންތައް އެކަހެރިކޮށް ކުޅިވަރުގަ އޮންނަ ޖޯޝާއި އެ ފޯރީގަ ސަޕޯޓުކުރަން ނުކުންނަބައެއް. މިލަވައިގެ ޅެން އަޅުގަނޑު ބިނާކޮށްފައިވާނީ އެންމެނަށްވެސް ކޮންމެ މާހައުލަކާވެސް އެކަށޭނެގޮތަކަށް. އަދި ސަޕޯޓަރުންގެ ޖޯޝާއި ފޯރިއާއި އެއްކޮށް ސަޕޯޓުކުރެވޭނެ ގޮތަކަށް. މިއީ އެންމެންގެ ކަމެއް، ގައުމީ ކަމެއް. ގައުމަށްޓަކައި އެންމެން އެބަޖެހޭ އެކުވެރިކަމާ އެއްބާރުލުމާ ދައްކަން. މިއީ އަޅުގަނޑު ހަގީގަތުގައި ޅެން ހެދިއިރު ވިސްނާފައިވާ ކަމަކީ"
މޫސާ ރަމީޒް

ލަންކާގައި ތިބި ދިވެހި ސަޕޯޓަރުންނަށް ހިލޭ ޖާޒީ ވަނީ ފޯރުކޮށްދީފަ

ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައިވެސް އެންމެ ފޯރީގައި ދިވެހިންކުރި ކަމަކީ މުބާރާތަށް އައިލެންޑް އެޕެރަލްސް އިން ފަރުމާކުރި ހާއްސަ ޖާޒީ ހޯދުމެވެ. އަދި މި ޖާޒީ ނުލިބިއްޖެނަމަ ގައުމީ ޓީމުގެ ޖާޒީ އާއި ވަށްތަރު ނުވަތަ ދިވެހި ދިދައިގައި ހިމެނޭ ރަތްކުލައިގެ ޖާޒީއެއް ހޯދުމަށްވެސް ގިނަ ފަރާތްތަކަކުން ވަނީ ކިއުގައި ޖެހި އެތައް ވަގުތުތަކެއް ހޭދަކޮށްފައެވެ.

ބައެއް ވިޔަފާރިވެރިން ވަނީ މުބާރާތަށް ހާއްސަކޮށް ސަޕޯޓަރުންގެ ކިޓެއްވެސް ބާޒާރަށް ނެރެފައެވެ. މި ހުރިހާ ޖާޒީއެއް އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ކުރިން ވިކި ހުސްވުމަކީ އެއްވެސް ދިވެއްސަކު ހައިރާންވާނެ ކަމެއް ނޫނެވެ.

https://www.facebook.com/101712698981867/photos/a.103977408755396/112240064595797/

ފޯ ނޭޝަން ކަޕުގައި ދިވެހި ޓީމަށް ސަޕޯޓުކުރުމަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ޖާޒީ ލިބޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖެހިފައެވެ. އައިލެންޑް އެޕެރަލްސް އިން ތައްޔާރުކުރި ޑިޒައިންގެ ޖާޒީތައް، ބޭނުންވެގެން އެދުނު ހުރިހާ ފަރާތަކަށް ވަނި ފޯރުކޮށްދީފައެވެ. މިހާރު ޖާޒީތައް ވަނީ ހަވާލުވެސް ކޮށްފައެވެ.

މި ހުރިހާކަމެއްގެ ފަހަތުގައި ގައުމީ ޖޯޝުން ފުރިގެންވާ ދިވެހިންތަކެއް!

މިހުރިހާ ކަމެއްގެ އޯގަނައިޒިންގ ޓީމު ލީޑުކުރައްވާ ޝިނާޒް (ވ) އަދި ޚަލީފާ (ކ)

ގައުމީ ޓީމުން ލަންކާގައި ކުޅޭ މުބާރާތުގެ މެޗުތަކަށް ދިވެހި ސަޕޯޓަރުންގެ ފަރިތަކުރުންތައް ފަށާ، ސްކޮޑެއް އެކުލަވާލާ ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ ފަހަތުގައި "ހެޑް ކޯޗް" އެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މުހައްމަދު ޝިނާޒް އެވެ. އޭނާ އާއިއެކު ކޯޗިންގ ސްޓާފުންގެ ޓީމުގައި އަބްދުﷲ ނާޔިލް އާއި ޚަލީފާގެ އިތުރުން ޖައުފަރު ރަޝީދު ހަރަކާތްތެރިވެއެވެ. މީގެއިތުރުންވެސް ޓެކްނިކަލް ޓީމާއި އެކިއެކި އެހީތެރިންނާއެކު ލަންކާގައި ތިބި ދިވެހިންގެ ސަޕޯޓަރުންގެ ޓީމު ވަނީ ވަރަށް ފުރިހަމައަށް މި މުބާރާތަށް ތައްޔާރުވެފައެވެ.

މިހުރިހާ ކަމެއްގެ އޯގަނައިޒިންގ ޓީމުގައި ހަރަކާތްތެރިވާ ނާޔިލް (ވ) ޝިނާޒް (މ) އަދި ޖައުފަރު (ކ)

ކުރިން ފާހަގަކޮށްފައިވާހެން މުބާރާތުގައި ރާއްޖެ ކުޅޭ މެޗުތައް ބެލުމަށް، އެކިއެކި ސަބަބުތަކާހެދި ދަނޑަށް ނުދެވޭ ފަރާތްތަކަށް އެއްތަނެއްގައި ގިނަ އަދަދެއްގެ ދިވެހިންތަކެއްތިބެ މެޗު ބެލުމުގެ ފުރުސަތު ތަނަވަސްކޮށްދީފައިވާއިރު، ބޮޑު ސްކްރީން އަޅުވާ ކޮލަމްބޯގައި ހުންނަ ޑްރީމަން ކެފޭ އަކީ ޝިނާޒްގެ ހިއްސާ އޮންނަ ކެފޭއެކެވެ.

ވީނިއުސް އަށް މައުލޫމާތުދެއްވަމުން ޝިނާޒް ވިދާޅުވީ 300 އެއްހާ މީހުންނަށް މި ކެފޭގައި މެޗު ބެލޭނެހާ ޖާގަ އޮންނާނެ ކަމަށާއި މި ކެފޭއަކީ ސަޕޯޓަރުންގެ ޓީމުގެ "ހެޑްކުއާޓަރ" އެއްގެ ގޮތުގައި ބޭނުންކުރާތަން ކަމަށެވެ. ޖާޒީތައްވެސް ސަޕޯޓަރުންނާއި ހަވާލުކޮށްފައިވަނީ މި ކެފޭގައެވެ. އަދި މުހިންމު ބައްދަލުވުންތަކާއި އެންމެހާ ކަންކަމެއް ރާވަމުން ގެންދަނީވެސް މި ކެފޭގައެވެ.

ކެފޭގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން- ފޮޓޯ:- ޝިނާޒް / ވީނިއުސް

ޝިނާޒް މައުލޫމާތުދެއްވި ގޮތުގައި މެޗުތައް އޮންނަ ދުވަސްތަކުގައި މި ކެފޭގައި ސަޕޯޓަރުންނަށް ފޭސް ޕެއިންޓިންގ އާއި ސަޕޯޓުކުރުމަށް ބޭނުންވާ ބައެއް އެކުއިޕްމަންޓުތައްވެސް ފޯރުކޮށްދޭނެކަމަށެވެ. މިއީ އަބަދުވެސް ދިވެހިންނަށް ހާއްސަކޮށްފައިވާ ކެފެޭއަކަށްވާއިރު ކެފޭ ހުންނަނީ އާންމުކޮށް ދިވެހިން ލަންކާގައި ދިރިއުޅޭ ސަރަހައްދުތަކުގެ މެދުގައެވެ. އެހެންކަމުން ގިނަ އަދަދެއްގެ ދިވެހިންތަކެއް އަބަދުވެސް މި ކެފޭއަށް އައިސް ވަގުތު ހޭދަކުރުން މިއީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޗުބެލުމަށް ކެފޭއަށް އައުމަށް ފަސޭހަތަކެއް ހުންނާނެ ކަމަކަށް ވާނެއެވެ.

ޝިނާޒް ވިދާޅުވީ މިއީ ކޮވިޑުގެ ހާލަތުގެ ސަބަބުން ގިނަ ދުވަސްތަކެއްވަންދެން ގޭގައި ތާށިވެފައި ހުރުމަށްފަހު، އެންމެން އެއްކޮށް ގައުމީ ކަމެއްގައި ޝާމިލްވެ އުޅުމުގެ ބޭނުމުގައި ކުރިކަމެއް ކަމަށެވެ. ހާއްސަކޮށް މެޗުބަލަން ދެވެންނެތް ފަރާތްތަކަށް ގައުމީ ކަމެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުންވެސް މިއީ މިފަދަކަމެއް ކުރުމުގެ އެއް ބޭނުންކަމަށް ޝިނާޒް ވިދާޅުވިއެވެ.

"މިކަމަށް އަސްލުގަ ނިކުންނަންޖެހުނީ ގާތްގަނޑަކަށް 2 އަހަރުވަންދެން މިކޮޅުގަ ދިވެހިން ފާޑަކަށް ތާށިވެފަ ހުންނަން ޖެހޭތާ. އެހެންވީމަ އަޅުގަނޑުމެން ހިތަށްއެރީ މުބާރާތް އޮންނަކަން ކޮންފާމް ވީމަ، ދިވެހިން އެންމެން އެއްކޮށް ނުކުމެ، ގައުމީ ކަމެއްގަ އެއްކޮށް އުޅެލީމަ އެ ތާށިވެފަ ހުރި ބައި ކުޑަވާނޭ. 100 އިންސައްތަ ސަޕޯޓުލިބޭ މިކޮޅުގަ އުޅޭ ދިވެހިންގެ ފަރާތުން. އަސްލުގަ މިކޮޅުގަ ފެމިލީތައް މިއުޅެނީ. ދެން 8 މީހުން 10 މީހުން ދިރިއުޅޭ އާއިލާތަކުގަ އެކަކު ދަނޑަށް ދިޔައިމަ ދެންތިބި މީހުންވެސް އެބަ ބޭނުންވޭ ދަނޑަށް ވަންނަން. ޓިކެޓު މިއުޅެނީ 3000 ރުޕީޒް އަށް. އެޓިކެޓު އެންމެނަށް އެފޯޑު ނުކުރެވޭނެތީ އަދި ދަނޑަށް ނުވަދެވޭނެތީ އެކަމާ ގިނަބަޔަކު މާޔޫސްވޭ. އެމީހުންނަށް ގިނަބަޔަކާއެކު މެޗުބެލޭނެ މަގެއް ހޯދައިދިނުން ބޭނުމަކަށްވީ"
މުހައްމަދު ޝިނާޒް

ލަންކާގައި ދިވެހިންގެ ފޯރިގެނައުމަށް ލީޑުކުރާ ޝިނާޒް ވަނީ ރާއްޖޭގައި ތިބި ދިވެހިންނަށް ހާއްސަ މެސެޖެއް ދެއްވާފައެވެ.

"އިރާދަކުރެއްވިއްޔާ ދިވެހިންގެ ޓީމު ފައިނަލުގައި ކުޅޭނެ. ތަށިވެސް ނަގާނެ. އެހެންވީމަ އާދެވޭ ހުރިހާ ދިވެހިން ފައިނަލް މެޗަށް ލަންކާއަށް އައިސް ދަނޑަށްވަދެ، ދަނޑުފުރާލާ، ދިވެހި ޓީމަށް ސަޕޯޓުދީ މިތަށި ދިވެހިރާއްޖެއަށް ގެންދޭ".
މުހައްމަދު ޝިނާޒް

އަދި ލަންކާގައި ތިބި ހުރިހާ ދިވެހިންގެ ފަރާތުން ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް ޝިނާޒް ވަނީ ސަޕޯޓަރުން ޓީމާއެކު ތިބިކަން ހާމަކޮށްދީފައެވެ.

"އަޅުގަނޑުމެންގެ އަޑު މަޑެއް ނުވާނެ ލަންކާގަ ވިޔަސް. ޓިކެޓު އަގުބޮޑުވެގެން ދަނޑުގަ މީހުން މަދުވިޔަސް އަޑު މަޑެއް ނުވާނެ. އަޅުގަނޑުމެން އެންމެންވެސް މިތިވީ ދިވެހިންގެ ގައުމީ ޓީމާއެކު".
މުހައްމަދު ޝިނާޒް

ލަންކާގައި ކުޅޭ މިމުބާރާތަށް އެގައުމުގައިތިބި ހުރިހާ ދިވެހިން ތައްޔާރުވެފައިވާއިރު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުވެސް ވަނީ ވަރަށް ފުރިހަމައަށް މި މުބާރާތަށް ތައްޔާރުވެފައެވެ.

އައު ކޯޗް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން މުބާރާތާއި ރާއްޖެއިން ކުރިމަތިލާއިރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފުޓުބޯޅަ މުބާރާތުގައި ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްްދަލުކުރާ މުބާރާތުގެ ފުރަތަމަ މެޗު މާދަމާ ހަވީރަށް ވަނީ ތާވަލުކޮށްފައެވެ. މި މެޗު ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުުވަހުގެ އެވެ. ނަމަވެސް ލަންކާއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މި މެޗު ވަނީ އަންގާރަ ދުވަހަށް ފަސްކޮށްފައެވެ. ލަންކާ ގަޑިން މި މެޗު ކުޅުމަށް ހަމަޖެއްސި ގަޑިއަކީ 15:30 އެވެ. މި މެޗުގެ ކުރިން މުބާާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ނިންމާފައެވެ.

ލަންކާއަށް ފުރުފުގެ ކުރިން ގައުމީ ޓީމު ފޮޓޯއަކަށް ހުއްޓިލައިގެން- ފޮޓޯ:- އެފްއޭއެމް

ދެ ކޮންފެޑަރޭޝަނަކުން ޖުމްލަ 4 ގައުމު ވާދަކުރާ މިމުބާރާތުގައި ކުޅޭނީ ރާއްޖޭގެ އިތުރުން ލަންކާ އާއި ބަންގްލަދޭޝް އަދި ސީޝެލްސް އެވެ. މަހިންދަ ރާޖަޕަކްސާގެ ނަމުންވެސް މުހާތަބުކުރެވޭ މިމުބާރާތަކީ ލަންކާގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީ އާއި ފުޓުބޯޅަ އެސޯސިއޭޝަން އާއި ގުޅިގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތް ފެށުން ފަސްކުރުމާއެކު، މިހާރު ތާވަލުކޮށްފައިވާ ގޮތުން މުބާރާތް ކުރިއަށްދާނީ އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

މެޗުތައް ކުޅޭ ދަނޑުގެ ކެޕޭސިޓީގެ 50 އިންސައްތައަށްވުރެ ގިނަ ނުވާނެހެން ސަޕޯޓަރުން ދަނޑަށް ވައްދާގައިގެން މުބާރާތް ކުޅޭއިރު ދަނޑަށް ސަޕޯޓަރުން ވައްދާނީވެސް ކޮވިޑް-19 އިން ރަށްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިގެން އުސޫލުތަކެއްގެ ތެރެއިން ކަމަށް ލަންކާ އެފްއޭއިން މައުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގަންނަވަނީ- ފޮޓޯ:- ރައީސް އޮފީސް

ފޯ ނޭޝަންސް ކަޕް ފެށުން އަންގާރަ ދުވަހަށް ފަސްވިއިރު، އެ މުބާރާތް ޝަރަފުވެރިކޮށް ދެއްވުމަށް ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ލަންކާއަށް ފުރާވަޑައިގެންފައެވެ. ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުން ރައީސް ލަންކާއަށް ފުރާވަޑައިގެންނެވީ ފޯ ނޭޝަންސް ކަޕް ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދެއްވި ދައުވަތަކަށެވެ.