ފިލްމު "ބަންޓީ އޮރް ބަބްލީ-2" އިން ބޮލީވުޑަށް ތައާރަފްވާ ބަތަލާ މިހާރު އެންމެބޮޑަށް ބޭނުންވަނީ މިވަގުތު ބޮލީވުޑްގައިހުރި އެންމެ ކުޅަދާނަ އެކްޓަރު ރަންވީރް ސިންގްއާއެކު ފިލްމެއް ކުޅެންކަމަށް ބުނެފިއެވެ.

ޝަރްވަރީ މީގެކުރިން މަސައްކަތް ކޮށްފައިވަނީ އެކްޓަރު ރަންވީރް ސިންގް ފެނިގެންދިޔަ ފިލްމު "ބަޖީރާއޯ މަސްތާނީ" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ.

ފިލްމު "ބަންޓީ އޮރ ބަބްލީ-2" ގެ ޕްރޮމޯޝަން އިވެންޓެއްގައި މީޑީއާއާއި މައުލޫމާތު ހިއްސާކުރަމުން ބަތަލާ ޝަރްވަރީ ބުނީ، އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު ރަންވީރް އޭނާގެ ފިލްމަށް ދޭ އަހައްމިއްޔަތު ކަމާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަން ފެނި އެކްޓިންގެ ދާއިރާއިން ކުރިއަށްދިއުމަށް ވަރަށްބޮޑު ހިތްވަރެއް ލިބިގެންދިޔަ ކަމަށެވެ.

އަދި ވަރަށް ގިނަ ކަންތައްތައް ތަޖްރިބާކުރެވި މިދާއިރާގައި އުޅޭއިރު ހަނދާނުގައި ބަހައްޓަންޖެހޭ މުހިއްމުގިނަ ކަންތައްތަކެއް ދަސްވިކަމަށެވެ.

ހެއްވާ މަޖާ ކަންތައްތަކެއް އެކުލެވޭ ފިލްމު "ބަންޓީ އޮރ ބަބްލީ-2" ގެ ޕްރޮމޯޝަންގައި ވަރަށް އަވަދިނެތި އުޅެމުން އަންނަ ޝަރްވަރީއަށްވަނީ އެކްޓަރު ރަންވީރް ސިންގް ހުށަހަޅައިދޭ ޓީވީ ޝޯވް "ދަ ބިގް ޕިކްޗަރ" ގައި ބައިވެރިވެ ފިލްމު ޕްރޮމޯޓްކުރުމުގެ ފުރުސަތު ލިބިފައެވެ.

ރަންވީރްއާއެކު ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ސްކްރީން ހިއްސާކޮށްލަށް ލިބުނު ފުރުސަތާއެކު އުފަލުންހުރި ޝަރްވަރީގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން ރަންވީރްއާއެކު ފިލްމަކުން ފުރުސަތު ލިބުމެވެ.

ބަތަލާ ޝަރްވަރީއާއެކު "ބަންޓީ އޮރް ބަބްލީ-2" އިން ދެން ފެނިގެންދަނީ އަރަމުން އަންނަ ޒުވާން އެކްޓަރު ސިދާންތް ޗަތުރްވެދީއެވެ.

ފިލްމުގައި މެއިން ލީޑްއިން ފެނިގެންދަނީ ބަތަލާ ރާނީ މުކަރްޖީއާއި އެކްޓަރު ސައިފް އަލީ ޚާންއެވެ.

މިދެ އެކްޓަރުން މީގެކުރިން އެކީގައި ފެނިފައިވަނީ މީގެ 16 އަހަރުކުރިން ފިލްމު "ތާރަ ރަމްޕަމް" ފިލްމްއިންނެވެ. ފިލްމު " ބަންޓީ އޮރް ބަބްލީ-2" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.